ވިޔަފާރި

އަލީބާބާ ކުންފުނީގެ ފައިދާ ލަފާކުރި މިންވަރަށްވުރެ އިތުރު


މިދިޔަ ކުއާޓަރުގައި ޗައިނާގެ މަޝްހޫރު އަލީބާބާ ކުންފުންޏަށް ލިބުނު އާމްދަނީ ތަޖުރިބާކާރުން އަންދާޒާކުރި މިންވަރަށްވުރެވެސް އިތުރުވެއްޖެއެވެ.

އަލީބާބާ ކުންފުނިން ޢާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ފުރަތަމަ 3 މަހު އެކުންފުންޏަށް ވަނީ 93.5 ބިލިއަން ޔުއާން ނުވަތަ 13.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 51 އިންސައްތައިގެ ކުރިއެރުމެކެވެ. ފުރަތަމަ ކުއާޓަރުގައި އަލީބާބާއަށް 93.5 ބިލިއަން ޔުއާންގެ އާމްދަނީއެއް ލިބުނުއިރު، ތަޖުރިބާޖާރުން އަންދާޒާކޮށްގެން ތިބީ 91.7 ބިލިއަން ޔުއާންގެ އާމްދަނީއެއް ލިބޭނެކަމަށެވެ.

އަލީބަބާ ކުންފުނީގެ ވިޔަފާރިތަކުގެ ތެރެއިން އީ-ކޮމާސް ވިޔަފާރި ވަނީ މިދިޔަ ކުއާޓަރުގައި 54 އިންސައްތަ ކުރިއަރާފައެވެ. އަދި އެކުންފުނިން މިހާރު ހިންގާ ކްލައުޑް ކޮމްޕިއުޓިންގ ވިޔަފާރިވަނީ 76 އިންސައްތަ ކުރިއަރާފައެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ކުރިއަށްދިޔަނަމަވެސް އޭގެ އަސަރު އަލީބާބާ ކުންފުންޏަށް ނުކުރާކަން އެކުންފުނީގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުން ހާމަވެއެވެ. އަލީބާބާގެ އިތުރުން ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ޗައިނާގެ އެހެން ކުންފުނިތަކަށްވެސް ފުރަތަމަ ކުއާޓާރުގައި ލަފާކުރި މިންވަރަށްވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.