ޙައްޖު މޫސުމުގައި ދިވެހިންގެ މެދުގައި އެންމެ ޢާއްމު އެއްނަމަކީ ސިސިލްފަރު ޙައްޖު ގުރޫޕެވެ. އެހެންނަމަވެސް މިއަހަރު މިގުރޫޕާއެކު ޙައްޖަށް ދެވޭނެކަމުގެ ޔަޤީންކަމެއް އަދިނެތެވެ. ޙައްޖަށް މީހުން ގެންދިއުމަށް ގްރޫޕުތަކަށް ހުއްދަދިން ގޮތާމެދު ސިސިލްފަރުން ހިތްހަމައެއްނުޖެހެއެވެ.
ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމުގެ ތާރީޚަށް ބަލާއިރު ސިސިލްފަރު ޙައްޖު ގުރޫޕަކީ ރާއްޖޭގައި ދުވަސްވީ ޙައްޖު ގުރޫޕެކެވެ. އެގުރޫޕުން ދިވެހިން ޙައްޖަށް ގެންދާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މެދުކެނޑުމެއްނެތި އެގްރޫޕުން މިޚިދުމަތް ދެމުންދިޔަ މި ދިގު މުއްދަތުގައި ޙައްޖާޖީންގެ ފަރާތުން ޝަކުވާއެއް ކަންބޮޑުވުމެއް ނާންނާނެފަދަ ގޮތަކަށް ދުރާލާއި ތައްޔާރުވަމުން ގޮސްފައިވާނެކަމަށް ސިސިލް ފަރުން ބުނެއެވެ.
އެހެންނަމަވެސް މިއަހަރުގެ ޙައްޖު މޫސުމާ ދިވެހިން ކުރިމަތިލީއިރު އިވިގެންދިޔަ ޚަބަރަކީ ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ މިފަހަރު ސިސިލްފަރު ޙައްޖު ގުރޫޕަށް ނުލިބޭ ޚަބަރެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަހަރު ޙައްޖަށް މީހުންގެންދިޔުމަށް ހުއްދަދީފައިވަނީ ޖުމްލަ 6 ކުންފުންޏަކަށެވެ. އެއީ މޯލްޑިވްސް ޙައްޖު ކޯޕަރެޝަން ލިމިޓެޑާއި ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑާއި އަލްޙަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާގޮތުގައި ސިސިލްފަރު ޙައްޖު ގްރޫޕަށް ފުރުސަތު ނުލިބުނީ އެގުރޫޕަށް ޕޮއިންޓް މަދުވުމުންނެވެ.
އެހެންނަމަވެސް މިކަމާއި ސިސިލްފަރު ގުރޫޕުން ހިތްހަމަނުޖެހި އިސްލާމިކް މިނިސްޓްރީގެ މައްޗަށް ތުހުމަތުތަކެއް ކުރިއެވެ. ބޭއިންސާފުން އެ ގްރޫޕަށް ފުރުސަތު ނުދިންކަމަށް ތުހުމަތުކޮށް އެމައްސަލަ މިހާރުވަނީ ކޯޓަށް ވައްދާފައެވެ. ސިސިލްފަރު ގުރޫޕުން މައްސަލަ ކޯޓަށްވައްދާފައިވަނީ މިނިސްޓްރީން ޕޮއިންޓު ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ. ސަބަބކީ 35 އަހަރު މީހުން ޙައްޖަށް ގެންދިޔުމުގެ މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ގްރޫޕު، ސިސިލްފަރަށް ތަޖުރިބާގެ ކެޓަގަރީން ޕޮއިންޓެއް ލިބިފައިނެތުންކަމަށް އެގްރޫޕުން ބުނެއެވެ.
ޙައްޖަށް މީހުން ގެންދިޔުމުގެ ކަންކަމާ ގުޅޭގޮތުން މިދިޔަމަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢާއްމުކޮށްފައިވާ ދިރާސާ ރިޕޯޓުން ހާމަވެފައިވާގޮތުގައި ޙައްޖަށް މީހުން ގެންދިޔުމުގައި ކޮރަޕްޝަނަށް މަގުފަހިކުރުވާ އެތައް ކަމެއް މީގެކުރިން ވަނީ ހިނގާފައެވެ.
އެގޮތުން ބައެއް ކުންފުނިތަކުގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްމުވައްޒަފުން ބައިވެރިވާކަން ވަނީ ހާމަވެފައެވެ. އަދި ވަކިބަޔަކަށް ނާޖައިޒްފައިދާ ވާނެފަދައިން ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާ މިންގަނޑު ބަދަލުކުރުމާއި އިވެލުއޭޝަން މަރުޙަލާގައި ޤަވާޢިދާ ޚިލާފަށް އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލޭގޮތަށް ކަންކަން ކުރިއަށްގެންދާކަންވަނީ ހާމަވެފައެވެ.
އަދި މިނިސްޓްރީން ހުއްދަދީ އެއްބަސްވުމުގައި ސޮއިރުކުރުމުގެ ކުރިން ބައެއް ކުންފުނިތަކުން ޢާއްމުންގެ އަތުން ފައިސާ ނަގަމުންދާކަންވެސް ވަނީ ހާމަވެފައެވެ. ޙައްޖުގެ އަޅުކަމަށްދާ މީހުންނަށް އެޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ހުއްދަ ދެމުންގެންދާއިރު މިކަމުގައިވެސް ކޮރަޕްޝަންގެ އެއްތައް ކަމެއް ހިނގާކަމުގެ އެތައް ތުހުމަތެއް ކުރެވެއެވެ.
ސިސިލްފަރު ޙައްޖު ގުރޫޕުގެ މައްސަލާގައި ކޯޓުން ބޭރުގައި މަޝްވަރާކޮށްގެން މައްސަލައަށް ޙައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާ ބާއްވާފައިވާއިރު ސިވިލް ކޯޓުން ވަނީ ޙައްޖަށް މީހުންގެ ގެންދިޔުމުގެ މައްސަލަ ކޯޓު މަރުޙަލާގައިވަނިކޮށް ކުންފުނިތަކާއެކު ސޮއިކުރި ސަބަބު ހާމަކުރުމަށް ދައުލަތަށް އެއްދުވަހުގެ މުހުލަތު ދީފައެވެ.
މިއަހަރު ޙައްޖަށް މީހުންގެންދިޔުމަށް 18 ޕްރޮޕޯސަލް ހުށައަޅާފައިވާއިރު އޭގެތެރެއިން 12 ކުންފުންޏެއްގެ ޕްރޮޕޯސަލް މިނިސްޓްރީން އެކުލަވާލި ކޮމިޓިއަކުން އިވެލުއޭޓްކުރުމަށްފަހު ހުއްދަދީފައިވަނީ 6 ކުންފުންޏަކަށެވެ.