ޚަބަރު

އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވާނެކަމަށް ބުނާ ރިޕޯޓުތައް އެމެރިކާއިން ދޮގުކޮށްފި


އީރާނުގެ ފަރާތުން ހުރި ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި އެމެރިކާއިން މެދުއިރުމައްޗަށް ސަތޭކަ ވިހިހާސް ސިފައިން ފޮނުވުމާ ބެހޭގޮތުން އެ ޤައުމުގެ އަސްކަރީ އޮފިޝަލުން މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ބުނެ އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސުން ޝާއިޢުކޮށްފައިވާ ރިޕޯޓެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގުކުރައްވައިފިއެވެ.

ނަން ހާމަކުރަން ދެކޮޅުހެއްދެވި އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކަކާ ހަވާލާދީ ނިއުޔޯކް ޓައިމްސުން ޝާއިޢުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ، ހުސްވި ހަފުތާގައި އެމެރިކާގެ ވަގުތީ ދިފާޢީ ވަޒީރު ޕެޓްރިކް ޝެނަހަން ވަނީ، އެމެރިކާގެ ޤައުމީ ސަލާމަތާއި އަސްކަރީ މުޝީރުންނާ ބައްދަލުކުރައްވާފައިކަމަށެވެ.

އަދި މެދުއިރުމައްޗަށް އެ ޤައުމުގެ ސަތޭކަ ވިހިހާސް ސިފައިން ފޮނުވުމާ ބެހޭ ޕްލޭނެއް ހުށަހަޅުއްވައި، މި ޕްލޭން ހުށަހަޅުއްވާފައި ވަނީ، އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަމާޒުތަކަށް ހަމަލާދީފާނެ ފަދަ ހާލަތަކަށް ނުވަތަ އީރާނުން އެ ޤައުމުގެ ނިއުކްލިޔަރ ހަރަކާތްތައް އިތުރުކޮށްފާނެތީ، އެ ފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުންކަމަށް ޝެނަހަން ވިދާޅުވެފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ނިއުޔޯކް ޓައިމްސްގެ މި ރިޕޯޓް ދޮގުކުރައްވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ދޮގު ޚަބަރެއް ކަމަށާއި، އެހެންނަމަވެސް އެމެރިކާގެ ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެހެންނަމަވެސް އެމެރިކާއިން އަދި މިފަދަ ޕްލޭނެއް އެކުލަވާލާ ނުލާކަމަށާއި މިފަދަ ޕްލޭނެއް އެކުލަވާލަން ޖެހޭކަމަށް އެމެރިކާއަށް އަދި މި ދަނޑިވަޅުގައި ނުދެކޭކަމަށެވެ. ޓްރަމްޕް ވިދާޅުވީ، މިފަދަ ހާލަތެއްގައި އެމެރިކާއިން މިއަށްވުރެ ގިނަ ސިފައިން މެދުއިރުމައްޗަށް ފޮނުވާނެކަމަށެވެ.