ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ތުހުމަތުކޮށް އޮންލައިން ނޫސް ސީއެންއެމްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އެ ނޫހާއި މެދު ފިޔަވަޅު އެޅުމަށް ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމާ ގުޅުންހުރި މުޢައްސަސާތަކަށް ފޮނުވައިފިއެވެ.
ޑީޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ދީބާޖާ އިންވެސްޓުމަންޓްސް ޕްރައިވެޓު ލިމިޓެޑަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަގައިގެން ކަމަށްބުނެ ސީއެންއެމްގައި މިދިޔަ އާދިއްތަ ދުވަހު ލިޔުނު ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވެރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.
ޑީޖޭއޭއިން ވިދާޅުވީ އެ ލިޔުމަކީ ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓާލައި ފަނޑިޔާރުންނަށް ބިރު ދައްކައި ފަނޑިޔާރުގޭގެ ޙުރުމަތް ކަނޑާލައި އަދުލު އިންސާފު ޤާއިމްކުރުމާއި ޤާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސީއެންއެމްއިން ލިޔެފައިވާ އެ ލިޔުމާއި ގުޅިގެން ތަޙްޤީގުތައްކޮށް އަދި އަޅަންޖެހޭ ޤާނޫނީ އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށާއި މޯލްޑިވްސް ޕޮލިސް ސަރވިސާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ޑީޖޭއޭގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ޑީޖޭއޭއިން ވިދާޅުވީ ދީބާޖާ އިންވެސްޓުމަންޓަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމް ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމް ބިނާކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެ ޙުކުމްގެ ޝަރީޢަތް ނިމުނުގޮތުގެ ޙުލާސާ ރިޕޯޓުގައި ބަޔާން ކުރެވިފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ވަނީ ގަޟާއީ އިޖުރާއަތުތައް މިނިވަންކަމާއި އެކު ދެފުށް ފެންނަ ގޮތަށް ގެންދިއުމުގެ އުޞޫލާއި އެއްގޮތަށް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ކަމަށެވެ.
ޑީޖޭއޭއިން ވިދާޅުވީ ފަނޑިޔާރަކުވިއަސް އަދި ދަޢުލަތުގެ އެހެން މަޤާމަގެއްގައި ހުރި މީހަކު ކަމުގައިވިއަސް އެމީހަކާއި ހަވާލުވެފައިވާ ޤާނޫނީ އަދި ދުސްތޫރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޚިލާފުވެ، ކޮރަޕްޝަނާއި ފަސާއިދާގެ ޢަމަލެއް ހިންގައިފިނަމަ އެކަމާ ގުޅިގެން ޝަކުވާ ހުށަހަޅަންވީ މުޢައްސަސާތައް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގެ ދަށުން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ދެފުށް ފެންނަ ގޮތަށް ދަޢުލަތާއި ރައްޔިތުންގެ މަޞްލަހަތުތައް ރައްކާތެރި ކުރެވޭނެ ގޮތަށް ބަލައި ފިޔަވަޅު އެޅުމުގެ އިޖުރާއަތްތައް އެކަށައެޅިފައިވާ ކަމަށްވެސް ޑީޖޭއޭއިން ވަނީ ވިދާޅުވެފައެވެ.
ޑީޖޭއޭގެ ބަޔާނުގައި މީސްތަކުގެ އަބުރަކީ އިސްލާމީ ޝަރީޢަތާއި އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޢާލަމީ މަބްދަޢުތަކާއި ޤާނޫނުތަކުން ކަށަވަރު ކޮށްދެވި ރައްކާތެރި ކޮށްދެވިގެންވާ އަސާސީ ހައްޤެއް ކަމަށް ވަނީ ވިދާޅުވެފައެވެ.