ކުޅިވަރު

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކުލަބު ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެން - އޮޒިލް


އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޖަރުމަންގެ މިޑްފިލްޑަރ އޮޒިލް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އޮޒިލް ބުނީ، އެއްބަސްވުން ހަމަވުމުގެ ކުރިން ކްލަބް ދޫކޮށްލަން އޭނާ ނުވިސްނާ ކަމަށައި، އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތް ކަމަށެވެ.

އޮޒިލް ބުނީ، އެއްބަސްވުން ހަމަވުމަށް ފަހު ކަންތައްވާނެ ގޮތް އޭނާއަށް ނޭނގޭ ކަމަށާއި، ކްލަބުގައި މިވަގުތު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

އޮޒިލް އާސެނަލްގައި މަޑުކުރާނެ ކަމަށް ބުނެފައިވާއިރު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ސްޕެއިންގެ ކްލަބްތައް ވެސް ހިމެނެއެވެ.

ޝާލްކޭ އިން 2006 ވަނަ އަހަރު ކެރިޔަރު ފެށި އޮޒިލް ވަނީ ވާޑަބްރޭމަން އަދި ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ. އޭނާ އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ.

އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް ކުޅުނު 226 މެޗުގައި 43 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމާއެކު ތިން އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

ރެއާލް މެޑްރިޑާއެކު ލަލީގާ އާއި ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ އޮޒިލް ވަނީ ރެއާލްގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް ކުޅުނު 159 މެޗުގައި 27 ލަނޑު ޖަހާފައެވެ.