ޚަބަރު

ޕްރީސީޒަނަށް ތައްޔާރީތަކަށް ދޭންބުނި ލާރި އަދިވެސް ނުލިބޭކަމަށް ކުލަބުތަކުން ބުނެފި


ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައި ނުގަނެވި، މިއަހަރުގެ ޕްރީސީޒަން ފަށަން ޖެހިއްޖެއެވެ.

މީގެކުރިން ކުލަބުތަކަށް ލިބެމުންދިޔަ އެސްއޯއީގެ ފައިސާ ކްލަބް ތަކަށް ނުލިބި ދަތިވުމުގެ ސަބަބުން، މިއަހަރު، ސީދާ އެފްއޭއެމުން ލާރިދޭން އެއިދާރާއިން ވަނީ ނިންމާފައެވެ. އަދި މިއަހަރަށް އެއިދާރާއިން ފާސްކުރި ބަޖެޓުގައި ކްލަބް ތަކަށްދޭ މާލީ އެހީގެ ގޮތުގައި ތިރީސް މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ސީޒަން ފެށުމުގެ ކުރިން ޕްރީ ސީޒަން ތައްޔާރީތަކަށް، ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް 7 ލައްކަ ރުފިޔާ ދޭނެކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެފްއޭއެމުން މިލާރި ކުލަބުތަކަށް ދޭންބުނި ތާރީޚު ފަހަނައަޅާ ގޮސްފައިވާ ކަމަށް ކުލަބުތަކުން ބުނަމުންދާއިރު، ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކުން މިހާރު ވަނީ ޕްރީސީޒަން ޓްރެއިނިންގްތަށް ފަށާފައެވެ. މިކަމާއި ގުޅިގެން ގިނަ ކުލަބުތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުލަބުތަކުން ބުނީ، މާލީ ހާލަތު ދަށްވުން ކުޅުންތެރިން ހޯދުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހޭކަމަށާއި، ޚާއްސަކޮށް ޕްރީސީޒަން ފެށަން ޖެހުނީ ބިދޭސީ ކުޅުންތެރިން ނުގެނެވި ކަމަށެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ބުނީ، ކްލަބްތަކަށް ދޭންޖެހޭ ލާރީގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، ލާރި ނުދެވި ލަސްވެގެން އުޅެނީ އިދާރީގޮތުން ނިންމަންޖެހޭ ބައެއް ކަންތައްތަކެއް ނުނިމިގެން ކަމަށެވެ. އަދި ދެތިން ދުވަހެއްގެ ތެރޭގައި ހުރިހާ ކުލަބަކަށްވެސް ފައިސާ ލިބޭނެ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

ފާއިތުވި އަހަރުގެ ފުޓުބޯޅަ ސީޒަނަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައިވެސް މިހާތަނަށް ނިންމާލީ އެންމެ ދަށް ސީޒަނެވެ.

އޭއެފްސީ ކަޕުން ރާއްޖޭގެ އެއްވެސް ޓީމަކަށް ޖާގަ ނުލިބުމާއި، އެކި ސަބަބުތަކާއިހުރެ ޕްރެސިޑެންޓްސް ކަޕް ކެންސަލް ކުރުމާއި، ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ސަސްޕެންޑްވުމުގެ އިތުރުން، ފުރަތަމަ ޑިވިޝަނުގެ ގާތްގަނޑަކަށް ހުރިހާ ކުލަބެއްވެސް ސީޒަން ނިންމާލީ ދަރަނިވެރިވެގެންނެވެ.

މިދަފަ އެތައް މަސަލަ ތަކަކާއިހުރެ އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރަން ބައެއް ކުލަބުތަކުން ކުރި މަސައްކަތްތަކަށްފަހު، ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ ބިރުވެސް އޮތީ ލިބިފައެވެ.