ސިޔާސީ

"ސްޓޭންޑް"ބަދަލުކޮށްފިނަމަ ފިޔަވަޅު އަޅަންޖެހިދާނެކަމަށް ހައިކޯޓަކަށް ނުބުނެވޭނެ - ބިޝާމް


"ސްޓޭންޑް"ބަދަލުކޮށްފިނަމަ ފިޔަވަޅު އަޅަންޖެހިދާނެކަމަށް ހައިކޯޓަށް ވިދާޅެއް ނުވެވޭނެކަމަށާއި ސަބަބެއްނެތި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޖިނާއީ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައިކޯޓުގެ ޝަރީއަތެއްގައި ޕީޖީއަށް ދެއްވި އިންޒާރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، އެ އިންޒާރުދިން ޝަރީޢަތުގައި އެފަދަ ކަމެއް ހިނގާފައި ނުވާކަމަށާއި، އެއްކޯޓެއްގައި ދެފަހަރު ގޮސް ސްޓޭންޑް ބަދަލުކޮށްފައިވެސް ނުވާނެކަމަށެވެ.

"ޝަރިޢަތްތައް ފޮލޯ ކުރައްވާ ކަމަށްވާނަމަ ގިނަ ފަހަރު އަޅުގަނޑުމެން ނަގާފައި ހުންނަ ސްޓޭންޑްތައް މަތީ މަރުހަލާގެ ކޯޓުން އެއަށް ގޮތް ނިންމެވީމަ ހުންނާނެ ދަށު ކޯޓްތަކުގައިވެސް އެބާވަތުގެ މައްސަލަތަކުގައި ގޮސް އެސްޓޭންޑްތަކާ އެއްގޮތަށް ވަކާލަތުކޮށްފައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު އަޅުގަނޑުގެ ސްޓޭންޑް "ރީޒަނެއް" ނެތި ބަދަލުކުރަނީއެއްނޫން. ރީޒަންސައާއެކު ގައުންސްއާއެކު ބަދަލުކޮށްފައި ހުންނާނީ." ޕީޖީ ވިދާޅުވިއެވެ.

ބިޝާމް ވިދާޅުވީ، ހައިކޯޓުގެ ވާހަކަތައް މީޑިއާއިން ފެނިވަޑައިގެންނެވިކަމަށާ، ނަމަވެސް ސްޓޭންޑްތަކަށް ބަދަލު އަންނަ ސަބަބު އެއްވެސް ފަރާތަކުން ދިރާސާކުރައްވާފައި ނުވާކަމަށެވެ. ޤާނޫނު އަސާސީއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި ދައުވާކުރަން ނިންމާނިންމުން އަނބުރާ ގެނައުމާއި، އެނިންމުމެއް ބަދަލުކުރުމާއި ރިވިއުކުރުމުގެ ވާހަކަ ޞަރީޙަ އިބާރާތުން ލިޔެފައިވާކަމަށާއި، އެހެންކަމުން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މި ސަރުކާރުގެ ބަންޑާރަ ނާއިބު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުއްވާފައިވާ ޕްރޮސެކިއުޝަން ގައިޑް ލައިނާ ގުޅިގެން، ކުރިން ބައެއް މައްސަލަތަކުގައި ޢަމަލުކުރަމުންދިޔަ ގޮތް އެގައިޑްލައިނާ އެއްގޮތްކުރުމަށްވެސް، ސްޓޭންޑް ބަދަލުކޮށްފައިވާނެކަމަށް ޕީޖީ ބިޝަމް ވިދާޅުވިއެވެ.

"ބޮޑަށް އަޅުގަނޑަށް ހީވަނީ ހައިޕްރޮފައިލް ކޭސްތަކުގައި ނޫނީ މީޑިއާ ކޯޓްތަކަށް ވަޑައިގެން ކަވަރކުރައްވާ ކޭސްތަކުގައި އެފަދަ ކަމެއް މީޑއާއަށް އެ ތިލަވަނީ. ވަރަށްކުޑަ ކުދި މައްސަލަ ތަކުގައިވެސް ހުންނާނެ އެފަދަ ކަންކަމާ ގުޅިގެން ސްޓޭންޑް ބަދަލުކޮށްފައި." ޕީޖީ ބިޝާމް ވިދާޅުވިއެވެ.

މިހާތަނަށް ޝަރީޢަތުގައި ސްޓޭންޑެއް ބަދަލުކޮށްފައިވާނަމަ އެސަބަބެއް ކޯޓްތަކުގައި ހާމަކުރައްވާފައިވާނެކަމަށާ، ހަމަ ހުންނަވާފައި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

ޖިނާއީ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ.

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ތިހާމްގެ މައްޗަށް އިއްވި ޙުކުމްގެ އިސްތިއުނާފުގެ އަޑުއެހުމެއްގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށްފަހު، އިސްތިއުނާފް މަރުހަލާތަކުގައި ދަށު މަރުހަލާގެ ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އެގޮތަށް ސްޓޭންޑް ބަދަލު ކުރާ ނަމަ އެއީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ޕީޖީ އަމަލު ކުރައްވާނަމަ، އެކަމަނާއަށް ތައުދީބީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށްވެސް ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.