ސިޔާސީ

މުލަކު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިސްކަންދޭނަން - ރައީސް


މުލަކަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޮޅުފުށީގެ މިހާރުގެ ހާލަތާއި، އެރަށު ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައެވެ.

އެގޮތުން، ރަށް ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށްދެއްވައި ރަށުގެ ޒުވާނުންނަށް ރަށާއި ކައިރިން ވަޒީފާ ލިބުމަށް މަގުފަހިކޮށްދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ކޮޅުފުއްޓަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުގެ މެންބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ދިއްގަރާއި، މުލަކާއި ކޮޅުފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ނާލާފުށީގެ ބަނދަރު ފުން ކުރުމާއި ގުޅޭގޮތުންވެސް ރައީސް ޞާލިޙާއި ކޮޅުފުށި ކައުންސިލް މެންބަރުނާއި އެކު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޮޅުފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ގާއިމުވެފައި ނެތް ސަރަހައްދު ތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.