ޚަބަރު

އިޙްޔާ ފޯރަމުގެ ސައިގެ ބިޑް ސައުތަށް ނާކާމިޔާބުވީ ތަޖުރިބާގެ ލިޔެކިއުން ހުށަހަޅާފައި ނެތުމުން

މިއަހަރުގެ އިޙްޔާ ފޯރަމްގެ ސައިގެ ކަންތައްތައް ހަމަޖެއްސުމުގެ ބިޑް ސައުތު ކޭޓަރިންއަށް ނާކާމިޔާބު ވެފައި ވަނީ އެކުންފުނީގެ ތަޖުރިބާއާ ގުޅޭގޮތުން އެއްވެސް ލިޔެކިއުމެއް ހުށަހަޅާފައި ނެތުމުން، ތަޖުރިބާގެ ބައިން އެކުންފުންޏަށް، ސުމެއް ލިބުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުސްއަބު ޢަބްދުﷲ ވިދާޅުވީ ކޮންމެ އަހަރަކުވެސް އިޙްޔާ ފޯރަމްގެ ސައިގެ ކަންކަން ހަމަޖެއްސުމަށްޓަކައި ވަކި އުސޫލެއްގެ ދަށުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލާކަމަށެވެ.
އަދި މިކަމަށް މާކްސް ދެވޭނެ އުސޫލު ކަނޑައަޅާފައިވާ ކަމަށާ މާކްސް ދިނުމުގައި، ކުރިމަތިލާ ކުންފުނީގެ ތަޖުރިބާއަށް %30 އަދި އެންމެ ކުޑައަގެއް ކަނޑައަޅާ ފަރާތަކަށް %70 ކަނޑައަޅާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން، އެންމެ ކުޑައަގެއް ހުށަހެޅީ ސައުތު ކޭޓަރިންކަމަށް ވުމުން އެންމެ ކުޑަ އަގަށް ކަނޑައެޅިފައިވާ %70 މާކްސް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ތަޖުރިބާއާ ގުޅޭ ލިޔެކިއުންތައް ހުށައަޅާފައި ނުވުމުން ތަޖުރިބާއަށް ލިބިފައި ވަނީ ސުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިޑް ހުށަހެޅިއިރު 1 މެއި 2018 އިން ފެށިގެން ކުންފުނިން ކޮށްފައިވާ މަސައްކަތްތައް އެނގޭނެ ޑޮކިއުމަންޓް ހުށަހަޅާފައި ނުވުމުން އެ ކުންފުންޏަށް މަތިން މާކްސް ނުލިބުނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭގަ ބުނެފަ އޮންނާނެ ތަޖުރިބާ އަށް މާކްސް ދެވޭނީ 1 މެއި 2018 ން ފެށިގެން އެސްޓިމެޓް ހުށަހަޅާ ދުވަހާއި ހަމައަށް މި ބާވަތުގެ މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހަޅަންވާނެކަމަށް. އެހެންނަމަވެސް އެ ޝަކުވާ ކުރި ކުންފުނީގެ އެއްވެސް ލިޔުމެއް ހުށަހަޅާފައެއް ނެތް. އެހެންކަމުން އެ ކުންފުންޏަށް ތަޖުރިބާ އަށް ލިބިފަ މިވަނީ ސުމެއް. ބިޑެއް އިވެލުވޭޓް ކުރާ އިރު ބަލަނީ ކުންފުނީގެ ނަމަކަށްނޫން. ނުވަތަ މާރކެޓްގައި މަސައްކަތް ކޮށްފަ ހުންނަ މުއްދަތަކަށް ނޫން. އަޅުގަނޑުމެން ބަލަނީ އިޢުލާނަށް." މުސްޢަބު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ސައިގެ ކަންތައްތަކަށް މިފަހަރު ލިބިފައިވަނީ ބުރުޒު އިންވެސްޓްމަންޓަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ލިޔުމެއްގައި ވާގޮތުން އިޙްޔާ ފޯރަމްގެ ސައިގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި 5 ފަރާތަކުން ބިޑް ހުށައަޅާފައިވެއެވެ. އެލިޔުމުގައި ވާގޮތުގެމަތިން އެންމެ އަގުހެޔޮކޮށް ބިޑް ހުށައަޅާފައިވަނީ ސައުތު ކޭޓަރިންއެވެ. އެއީ އެއްލައްކަ ސަތާރަ ހާސް ހަ ސަތޭކަ ރުފިޔާ. އަދި ބިޑް ކާމިޔާބުވި ބުރުޒު އިންވެސްޓްމަންޓުން ހުށައަޅާފައިވާ ބިޑްގެ އަގަކީ އެއްލައްކަ ސައްބީސް ހާސް ރުފިޔާއެވެ.