ޚަބަރު

ޢާންމުންނަށް ދޫކުރާ ހުރިހާ ލެޑްބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާ ޙަވާލުކޮށްފި


ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އެމަސައްކަތް ކުރުމަށްޓަކައި ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ޢާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ދުއިސައްތަ ހާސް ލެޑް ބޮކީގެ ތެރެއިން ސަތޭކަ ނުވަދިހަ ފަސް ހާސް (195000) ލެޑް ބޮކި ވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަނާއި، އެމް.ޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯއެވެ. މި ކުންފުނިތަކާ ބޮކިތައް ޙަވާލުކޮށްދެއްވީ އެންވަޔރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަނެވެ. މި މަޝްރޫއެގެ ދަށުން މީގެ ކުރިން ވަނީ 5000 ލެޑް ބޮކި ބެހުމަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައެވެ.

މި ބޮކިތަކަކީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ބޮކިތަކެކެވެ. ލެޑް ބޮކި ޙަވާލުކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮންމެ ގޭބީސީއަކަށް 2 ބޮކި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލެޑް ބޮކި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހަކަތަ އިސްރާފު ނުކުރުން ނުވަތަ މަދުން ހަކަތަ ހޭދަކުރެވޭ އާލާތްތައް ގަތުމަށާއި ޢާއްމު ދިރިއުމުގައި ހަކަތައިގެ އިސްރާފު ކުޑަވާނެ ގޮތަކަށް އާދަތަށް ބެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

އަދި ހަކަތަ އިޤްތިޞާދުކުރުމަށްޓަކައި ވީހާވެސް މަދުން ހަކަތަ ބޭނުންވާ އާލާތަތައް ބޭނުންކުރުމާއި، ރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ "ކޮންޕްލަޔަންސް ޑޮކިއިމަންޓް" ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ މަދުން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަހަރުން އަހަރަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމަށެވެ. މިގޮތުން މާލޭގައި އެކަނިވެސް އަހަރަކަށް ނުވަޔަކާއި އެގާރައާ ދެމެދުގެ އިންސައްތައަކަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިހާވަރަށް ހަކަތަ ބޭނުން ކުރަމުންދާއިރު އެއާ ދޭތެރޭ ވިސްނާލަންޖެހޭ. ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް މިހާރުވެސް ފޯރުކޮށްދެނީ ސަބްސިޑީގެ ގޮތުގައި ގާތްގަޑަކަށް ބިލަޔަނެއްހާ ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކޮށްގެން. ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ އަގު ހަމަޖެއްސުމުގައި ސަބްސިޑީގެ ގޮތުގައި ލީޓަރަކުން 3 ރުފިޔާ ދަޢުލަތުން އެބަ ސަބްސިޑައިޒް ކުރަން ޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިބޮކި ތަކަކީ ހަކަތަ އެފިޝަންޓް ކުރުން ނުވަތަ ސަމަކާރަ ކުރުމާއި އިޢާދަކުރަނިވި ހަކަތައާ ގުޅޭގޮތުން މިނިސްޓްރީއޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝަންސީ ސަރވިސަސް ލިމިޓެޑާދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ 200000 ލެޑް ބޮތްކެވެ.
މި ލެޑް ބޮކިތަކަކީ ތިމާވެއްޓާއި ރައްޓެހި ކަރަންޓު ޙަރަދުކުޑަ ލެޑް ބޮތްކެވެ. މިނިސްޓްރީން ވިދާޅުވީ 200000 ބޮކިން ދުވާލަކަށް 96000 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެކަމަށެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓް ބޭނުންކުރާ 2400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓެވެ.‏