ޚަބަރު

ތެޔޮ ޓޭންކަރުތަކަށް ދިން ޙަމަލާ ސަރުކާރުން ކުށްވެރިކޮށްފި


ޔޫއޭއީގެ ކަނޑުގެ ސަރަޙައްދު ކައިރިން ތެޔޮ ޓޭންކަރުތަކަކަށް ގެއްލުންދިނުމަށް ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި، އާދީއްތަދުވަހު ޔޫއޭއީގެ ކަނޑުގެ ސަރަަޙައްދު ކައިރިން ވިޔަފާރި އަދި އާއްމު ބޭނުންތަކަށް ބޭނުންކުރާ ކަނޑު އުޅަނދުފަހަރުތަކަށް އަމާޒުކޮށް ދިން ޙަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މިދިޔަ އާދީއްތަދުވަހު ޔޫއޭއީގެ ކަނޑުގެ ސަރަޙައްދު ކައިރިން ދަތުރުކުރި 4 ބޯޓަކަށް ޙަމަލާތަކެއް ދީފައިވާކަމަށް ޔޫއޭއީން ވަނީ ބުނެފައެވެ. މިޙަމަލާގައި ޔޫއޭއީގެ ބޯޓަކާއި ސަޢުދީ ޢަރަބިއްޔާގެ ދެ ބޯޓަކާއި ނޯވޭގެ ބޯޓަކަށް ގެއްލުންވެފައިވާކަމަށް ޙަބަރުތައް ބުނެއެވެ. ނަމަވެސް މިޙަމަލާއަކީ ކޮން ބަޔަކު ކޮން މަޤްޞަދެއްގައި ދިން ޙަމަލާއެއްކަމެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.