ވިޔަފާރި

ވިލިމާލޭ ވަގުތީ މާރުކޭޓުން 20 ފަރާތަކަށް ގޮޅި ދޫކޮށްފި


ވިލިމާލޭގައި ހަދާފައިވާ ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރި 53 ފަރާތެއްގެ މެދުގައި ގުރުއަތުނަގާ 20 ފަރާތަކަށް ގޮޅި ދޫކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުން ގޮޅި ހޯދުމަށް އެދި 54 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށާއި އެހެން ނަމަވެސް އޭގެތެެރެއިން އެއް ފަރާތަކުން ފަހުން އަނބުރާ ނަން ގެންދިޔަ ކަމަށެވެ.

ގޮޅި ތަރުތީބުން 20 ނަން ނެގުމަށްފަހު އިތުރު ރިޒަރވް ނަމްބަރުގެ ގޮތުގައި، ދިހަ ނަމްބަރުވަނީ ނަގާފައެވެ. ވިލިމާލޭގައި ހަދާފައިވާ ވަގުތީ މާރުކޭޓްގެ ބޮޑު މިނަކީ 26 ފޫޓް 100 ފޫޓެވެ. އަދި އެތަނުން ދޫކޮށްފައިވާ ގޮޅިތަކުގެ ބޮޑު މިނަކީ 8 ފޫޓް 10 ފޫޓެވެ. މިތަނުން ގޮޅި ދޫކޮށްފައިވަނީ ވިލިމާލޭގެ ރަށްވެހިންނަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމީ، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާޒާމޭވާ އާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނޭ އިންތިޒާމް ހަމަޖައްސައި ދިނުމަށްކަމަށެވެ.