ވިޔަފާރި

ޓުއަރިޒަމް މިނިސްޓަރ ހުވަދު އަތޮޅަށް


މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ހުވަދުއަތޮޅު ދެކުނުބުރިއަށާއި ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

3 ދުވަހުގެ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި، އެރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ވިޔަފާރީގެ އެންމެހައި މަސްލަހަތުވެރިންނާއި މިނިސްޓަރ ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ގދ. ތިނަދޫ، ގދ. ކާނޑެއްދޫ، ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ އަށް މިނިސްޓަރ ޒިޔާރަތް ކުރައްވާނެއެވެ. މިދަތުރުފުޅުގެ މަޤުސަދަކީ ހުވަދޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޚިޔާލާއި ލަފާ ހޯދުމެވެ. މިގޮތުން، ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލާއި، ގއ. އަތޮޅު ކައުންސިލާއި، ގއ. ވިލިނގިލީ ކައުންސިލްގެ އިތުރުން ދާއިރާގެ މަސްލަހަތުވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި އެމް.އައި.ޓީ.ޑީ.ސީގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު ރައިދާއި، ޓޫރިޒަމް މިނިސްޓްރީއާއި އެމް.އައި.ޓީ.ޑީ.ސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.