ޚަބަރު

ޕޮލެންޑްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު، ރައީސަށް އަރުވައިފި


ޕޮލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ތޯމަސް ލޫކާޝުޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕޮލެންޑްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ޕޮލެންޑްގެ އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި ޕޮލެންޑާ ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޔޫރަޕާ ދެމެދުގައި އޮތް ގުޅުންވެސް ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖެ ފަދަ ކުދި ޤައުމުތަކާއި ޔޫރަޕާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑާ ދެޤައުމުން، އެއްޤައުމު އަނެއް ޤައުމަށް މިހާރުވެސް އެއްބާރުލުން ދެމުން ގެންދާކަން ބަޔާންކުރައްވައި، ކުރިއަށް އޮތްތާނގައިވެސް މިގޮތަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، މިސަރުކާރުގެ އެންމެ މުހިއްމު އެއްއަމާޒަކީ އިޤްތިޞާދީ ގޮތުން ރާއްޖެ އިތުރު އުސްމިންތަކަކަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ޕޮލެންޑްގެ އާ ސަފީރު ތޯމަސް ލޫކާޝުޒް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަފީރުގެ މަޤާމުގައި މަސައްކަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏‏ޕޮލެންޑްގެ ‏‏ސަރުކާރުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏‏ގެންދަވާނެ ކަމުގެ ޔަޤީންކަން ޕޮލެންޑްގެ ސަފީރު ދެއްވިއެވެ. މިގޮތުން، ރާއްޖޭގައި ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގައި ޕޮލެންޑް ސަރުކާރުން އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަކީ ޕޮލެންޑުން އަބަދުވެސް ވަރަށް ކަންބޮޑުވާ ކަންކަންކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވިއެވެ. އަދި، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ޕޮލެންޑުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ޕޮލެންޑުން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.‏‏ޕޮލެންޑްގެ ސަފީރުގެ ވާހަކަފުޅުގައި، ސާކަކީ ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދާނެ ޖަމްޢިއްޔާއެއްކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެ، ސާކުން ހިންގަމުންދާ އެކިއެކި ހަރަކާތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި، ދެކުނު އޭޝިޔާގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުމަށް ޕޮލެންޑުން ތައްޔާރަށް އޮތްކަމުގައިވެސް ޕޮލެންޑްގެ ސަފީރު ވިދާޅުވިއެވެ.‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.