ކުޅިވަރު

ޗެމްޕިއަންސް ލީގް ފައިނަލް ކުޅޭ ސްޓޭޑިއަމްގައި އިނގިރޭސި ފުލުހުންވެސް ހަރަކާތްތެރިވާނެ


ޗެމްޕިއަންސް ލީގް ފައިނަލް ކުޅޭ ސްޓޭޑިއަމްގެ ސަލާމަތީކަންކަމުގައި ސްޕެއިންއާއި އިނގިރޭސި ވިލާތުގެ ސިފައިން ހަރަކާތްތެރިވާނެކަމަށް ޔުއެފާއިން ބުނެފިއެވެ.

ޔުއެފާގެ ކުލަބު ލެވެލްގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ މުބާރާތުގައި ފައިނަލް މެޗު ކުޅޭނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަން ވަންޑަ މެޓްރޮޕޮލިޓާނޯގައެވެ. 2017 ވަނަ އަހަރުގައި ހުޅުވި މި ސްޓޭޑިއަމްއަށް 68 ހާސް ސަޕޯޓަރުންނަށް ވަދެވޭނެއެވެ. ނަމަވެސް ލިވަޕޫލާއި ޓޮޓްނަމް ވާދަކުރާ މެޗަށް ކަނޑައަޅާފައިވަނީ 63 ހާސް ޖާގައެވެ. އެއީ މީޑިޔާއަށް ހާއްސަކޮށް ބޮޑު ސަރަހައްދެއް ކަނޑައަޅަން ޖެހުމުންނެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި މެޗަށް ހާއްސަކޮށް ސްޓޭޑިއަމްގެ ވަށައިގެން އެއް ކިލޯ މީޓަރުގެ ރޭޑިއަސް ދުއްވާ ތަކެއްޗަށް ނުވަދެވޭގޮތަށް ބަންދުކުރެވޭނެއެވެ.

ސްޓޭޑިއަމްގެ މެނޭޖަރ ފަރނޭންޑޯ ފަރީޒާ ބުނީ މި ސްޓޭޑިއަމްއަކީ ކޮންމެ ގޮތަކުން ބެލިއަސް ވަރަށް ހިތްފަސޭހަ ސްޓޭޑިއަމްއެއް ކަމަށާއި ކޮންމެ ސީޓަކުންވެސް މުޅި ދަނޑު ރީތިކޮށް ފެންނާނެ ކަމަށެވެ. އަދި ފައިނަލް މެޗެއްގައި ހުންނަން ޖެހޭފަދަ ވަރުގަދަ ސެކިއުރިޓީ ސިސްޓަމެއްވެސް ސްޓޭޑިއަމްގައި ގާއިމު ކުރެވިފައިވާ ކަމަށެވެ.

އިނގިރޭސި ދެ ޓީމް މުބާރާތުގެ ފައިނަލްގައި ކުޅޭތީ ސްޕެއިންގެ ފުލުހުންނާއިއެކު އިނގިރޭސި ފުލުހުންވެސް ފައިނަލް މެޗުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާނެކަމަށްވެސް ފަރީޒާ ބުންޏެވެ.