ސިޔާސީ

އޮފީހަށް ނުނިކުންނަވައި، މުސާރަ ނަންގަވާ މައްސަލަ ހައްލުވާނީ އައު މަޖިލީހާއެކު


ބައެއް މުއައްސަސާތަކުގެ މެންބަރުން އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން އެޅުއްވޭނެ ފިޔަވަޅެއް ނެތްކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އައު ދައުރާއެކު އެކަމަށް ހައްލެއް ހޯއްދެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ބައެއް މުއައްސަސާތަކުގެ މެންބަރުން ވަޒީފާއަށް ނުނުކުންނަވާ އަދި ވަކިއެއްޗެއް ނާންގަވާ ތިއްބަވާ ދައުލަތުން މުސާރަ ނަންގަވާކަމުގެ ޝަކުވާތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތުމުން އެކަންކަން ހައްލުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅެން ނެތްކަމަށް ވިދާޅުވިއެވެ. އަދި 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ކަންކަން ފުއްދުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ހޫދު ފާހަގަކުރެއްވިއެވެ.

ހޫދު ވިދާޅުވީ، އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުގެ މެންބަރުން އޮފީހަށް ނުނުކުންނަވައި މުސާރަ ނެންގެވިނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުތަކުގެ ތެރެއިން އަދާކުރެއްވޭނެ އެއްވެސް ދައުރެއް ނޯންނަކަމަށެވެ. އެހެންނަމަވެސް މިމަހު 28ވަނަ ދުވަހު ފެށޭ އައު މަޖިލީހާއެކު މުއައްސަސާތަކުގައި ހުރި އެފަދަ މައްސަލަތަކަށް ޙައްލު ހޯއްދެވޭނެކަމަށް ހޫދު ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން އޮފީހަށް ނުނުކުންނަވައި އަދި ޗުއްޓީވެސް ނުނަންގަވާ ވީނުވީއެއް ނާންގަވާ ތިއްބެވުމަށްފަހު ބަރާބަރަށް މުސާރަ ނަންގަވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އޭގެތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އޮފީހަށް ނުނިކުންނަތާ ވަނީ ތިން މަހެއްހާ ދުވަސްވެފައެވެ.

އޭސީސީގެ ރައީސް ޙަސަން ލުތުފީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރަސްމީ ޗުއްޓީއެއް ނަންގަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިގެން މާލެ ވަޑައިގަތްއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތަހުގީގު ފަށާފައިވެއެވެ. އޭގެފަހުން މިހާތަނަށްވެސް ލުތުފީ އޮފީހަށް ވަޑައެއް ނުގަންނަވައެވެ. ނަމަވެސް މުސާރަ ބަރާބަރަށް ހިނގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ އެ ކޮމިޝަންގެ މެންބަރަކު މަޤާމުން ވަކިކުރެވޭނީ ޤާނޫނާޚިލާފަށް ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް އުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފެނިގެން،
އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލައްބިޔަތުން ފާސްކުރުމުންކަމަށެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނާއިބް ރައީސް އިސްމާޢީލް ޞަފްވާން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެއްކިބާވެ ހުންނަވައި މުސާރަ ނަންގަވާ ކަމަށް ބުނާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ އެކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޞަފްވާން ވަޒީފާއަށް ނުނިކުންނަވައި މުސާރަ ނަންގަވާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބަށްފަހު ސޮފްވާން ވަޒީފާއަށް ނިކުންނެވީ ދެތިން ދުވަހު ކަމަށާއި އޭގެ ފަހުން ވަޒީފާއަށް ނުނިކުންނަވާ ކަމަށެވެ. އަދި އޭގެ ފަހުން ޗުއްޓީއެއް ނެންގެވިކަން ވެސް އެނގި ލައްވާފައި ނުވާ ކަމަށާއި ނަމަވެސް ފުރިހަމައަށް މުސާރަ ލިބިލައްވާ ކަމަށެވެ. އަދި ވަޒީފާއަށް ނުނިކުންނެވުމުން މުސާރައިން އުނިކުރެވޭނެ އުސޫލެއް ނޯންނާތީ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމަ ނުކުރެއްވި ނަމަވެސް މެމްބަރުންނަށް މުސާރަ ދިނުމަށް އޮންނަ އުސޫލުގެ ތެރެއިން ޞަފްވާނަށްވެސް މުސާރަ ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގައި މަސައްކަތް ކުރައްވާ މެމްބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވައެވެ.