ކުޅިވަރު

އެފްއޭއެމް ފުޓްސަލް ކަޕް ފަށައިފި


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ކަޕްގެ ކުޅުން ފަށައިފިއެވެ.

ފިރިހެން ބައިގަ ވިހި ޓީމް އަދި އަންހެން ބައިގަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ފެށި އިއްޔެ ހަވީރުއެވެ. ފިރިހެން ބައިގެ ކުޅުން ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ވާދަކުރީ ޔޫއެން ފްރެންޑްސް އާއި މުއިވެޔޮ ފްރެންޑްސްއެވެ. މިމެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ މުއިވެޔޮ ފްރެންޑްސްއެވެ. މުއިވެޔޮ ފްރެންޑްސް އަށް އެޓީމުގެ ލަނޑުތަށް ޖަހައިދިނީ އާމިރު ރަޝީދް އާއި ޢަލީ ޝިމާހްގެ އިތުރުން ޢަލީ ޝިފާއު ހުސައިނެވެ.
ޔޫއެން ފްރެންޑްސް އަށް އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ލިޔާހެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ދޫނޑިގަލޯނާ އާއި ވިޔަންސާއެވެ. މިމެޗް 6-2ގެ ތަފާތުބޮޑު ނަތީޖާއަކުން ކަމިޔާބުކުރީ ވިޔަންސާއެވެ. ވިޔަންސާއަށް އެޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަނީމް އާއި، މިފްޒަލް އާދަމްގެ އިތުރުން، ޢަލީ ހަމްދަން އާއި ޢަލީ ސިނާހް އަދި ޝާން އަޙުމަދެވެ. ޝާން ވަނީ ދެލަނޑު ޖަހާފައެވެ. ދޫނޑިގަލޯނާއަށް އެޓީމުގެ ދެ ލަނޑު ޖަހައިދިނީ މުޙައްމަދު އަޝްރަފް އާއި އަޙުމަދު ސަޢީދެވެ.

މުބާރާތުގެ އަންހެން ބައިގެ ކުޅުން ފެށޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.