ޚަބަރު

ނާއިބު ރައީސުންނަށް އިނާޔަތްދޭ ބިލް އަނބުރާ ފޮނުވާލައިފި


ނާއިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށާއި، އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޢިނާޔަތް ލިބޭގޮތަށް މަޖިލީހުން ފާސްކުރި ބިލް ތަސްދީޤްނުކުރައްވާ ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަނބުރައި ފޮނުއްވާލައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ، އެބިލްތައް މަޖިލީހަށް އަނބުރާ ފޮނުވާލެއްވީ އެ ބިލް މިހާރު އޮތްގޮތުން ޤާނޫނު އަސާސީގެ ރޫހާ ޚިލާފްކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އަލުން ވިސްނެވުމަށްކަމަށެވެ. އެގޮތުން ކުރު މުއްދަތެއްގައި ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށްވެސް ޢިނާޔަތާއި އިމްތިޔާޒްތައް ލިބިވަޑައިގަންނަވާނެކަމަށް މަޖިލީހުން ފާސްކުރި ބިލްގައި ބަޔާންކޮށްފައިވާއިރު އެއީ އެންމެ ރަނގަޅު ނިންމުންކަމާމެދު ސުވާލު އުފެދޭކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރިނުވެ އެމަޤާމު އަދާކުރެވި ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ދައުލަތުން 35،000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލިސް ނިމެން ކައިރިވެފައިވަނިކޮށް އޭޕްރީލް މަހުގެ ސަތާރަވަނަ ދުވަހެވެ.

މި ބިލްގައި ވަނީ ކުށްވެރިނުވެ ނާއިބު ރައީސްކަން އަދާކުރައްވައިފި ކޮންމެ މީހަކަށް ދައުލަތުން 35،000 ރުފިޔާ ދޭންޖެހޭނެކަމަށާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭންވާނެކަމަށެވެ. އަދި އެމީހަކު އެދިއްޖެނަމަ މާލޭގައި އެއްގަމު ދަތުރުފަތުރުގެ ވަޞީލަތްތައް ދައުލަތުގެ ޚަރަދުގައި ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ.އައި.ޕީގެ ޚިދުމަތްވެސް ދައުލަތުން ފޯރުކޮށްދޭންވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ޤާނުނަށް ހުށައެޅި އިސްލާޙުގެ ބިލްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙް އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީވެސް ޤާނޫނު އަސާސީގެ ރޫހާ ޚިލާފްކަމަށް ރައީސް ދެކެވަޑައިގަންނަވާތީކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން މިބިލް ޤާނޫނު އަސާސީގެ 75ވަނަ މާއްދާއާއި ޚިލާފްކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 75ވަނަ މާއްދާގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެކަމަށްވެސް ބުނެފައިވެއެވެ.

އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ޤާނުނަށް ހުށައެޅި އިސްލާޙުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ އޭޕްރީލް 29ވަނަ ދުވަހެވެ.

2008ވަނަ އަހަރު ތަސްދީޤުކުރި ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ، ދިގު މުއްދަތެއްވަންގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި، ކުރީގެ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ.

ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށާއި، ފަނޑިޔާރުންނަށް އިމްތިޔާޒްއާއި އިނާޔަތް ލިބޭގޮތަށް ހުށައަޅާ ފާސްކުރި އިޞްލާޙުތަކާއި ގުޅިގެން ގިނަ ބައެއްގެ ފަޑުކިއުންތައް މަޖިލީހަށް އަމާޒުވެގެންދިޔައެވެ.