ޚަބަރު

ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ދޫކުރަނީ


ޓޫރިޒަމްގެ ބޭނުންތަކަށް އިތުރު ރަށްތަކެއް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރަމުންދާ ކަމަށާއި، ޖުލައިމަހުގެ ކުރިން މިރަށްތައް އާއްމުކޮށް ބިޑަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު އަލީ ވަޙީދު ވިދާޅުވީ، ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ މިހާރު ޓޫރިޒަމް އެހާ ބޮޑަށް ތަރައްޤީވެފައިނުވާ އަތޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށް ކަމަށެވެ.

" މާލޭ ސަރަހައްދުގައި އިތުރަކަސް ދޫކުރާނެ ތަނެއް ނެތް. މިހާރު ތަރައްޤީކުރަމުންދާ ތަންތަން ނިމުމުން ދިހަވަރަކަށް ހާސް ބެޑަށް ވުރެ އިތުރުވާނެ. އެހެންކަމުން އަޅުގަނޑުމެން އިސްކަންދޭނީ ބޮޑު ތިލަދުންމަތި، އައްޑޫސޓީ، ފުވައްމުލައް ސިޓީ، ހުވަދު އަތޮޅު، ލ އަދި ތ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

ރިސޯޓް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކެއް ދޫކޮށްފައިވާއިރު، އެރަށްތަކުގެ މަސައްކަތްތަށް ހަލުވިކޮށް، އަވަހަށް ހުޅުވުމަށް ރިސޯޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

"މި ސަރުކާރުން ބޭނުންވޭ، ރައްޔިތުން ދިހަ އަަހަރުވަންދެން މަޑުކޮށްގެން ތިބެންޖެހޭ ޖެހުމަށް ނިމުމެއް ގެންނަން، ނުހެދި ހުރި ރަށްތައް ތަރައްޤީކުރުމަށް ފައިނޭންސް ހޯދާނަން، އަދި ފައިނޭންސް ހޯދޭނެ ގޮތްތައް ފަހިކޮށްދޭނަން. އެހިސާބުންވެސް ދެން ނުވާކަމަށް ވަންޏާމު އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށްވެސް ގިނަ އަދަދެއްގެ ރިސޯޓްތައް ވަނީ ހުޅުވިގެންގޮސްފައެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓްތައް މިހާރުވެސް ހުޅުވަން ވަނީ ތައްޔާރުވެފައެވެ.

ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ރިސޯޓްތައް މާކެޓަށް އައުމާއިއެކު ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާއިރު، އަތޮޅުތަކަށްވެސް ކުރިއެރުންތައް އާދެއެވެ.