ވިޔަފާރި

ރާއްޖެއަށް ކަނޑައަޅާފައިވާ ކްރެޑިޓް ރޭޓިންގ، ފިޗް އިން ދަމަހައްޓައިފި


ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް މިދިޔަ ދެ އަހަރު ރާޢްޖެއަށް ދީފައިވާ "ބީ ޕްލަސް " ސޮވްރިން ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ.


ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން ، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (ޖޫސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ.

މި ދެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ރާއްޖެއާއި ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ ތަފާސް ހިސާބާއި މަޢުލޫމާތުގެ އިތުރަށް ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ހޯދަމުންނެވެ. މިގޮތުން ފިޗް އިން ވަނީ މި އަހަރު އޭޕްރީލްގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފިޗް އިން ބުނީ ރާޢްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ޚަރަދުގެ ނިސްބަތުން ބަލާއިރު ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އެކަށޭނަ ވަޞީލަތްތައް ރާއްޖޭގައި ހުރިކަމުގައި ފާހަގަކުރެވޭތީއެވެ.

މިގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުވާނެ ކަމަށް ކުރެވޭ އަންދާޒާއާއި ރާއްޖޭގެ ސްޓްރަކްޗަރަލް އިންޑިކޭޓަރުތަކުގެ ދުޅަހެޔޮކަން ފެންނަމުންދާކަމަށް ފިޗްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފިޗްގެ މި ނިންމުމުން ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް އެފަރާތަކަށް އޮތް އިތުބާރު ދައްކުވައިދޭ ކަމަށް ފިނޭންސް މިނިސްޓްރީން ދެކެއެވެ. މިގޮތުން ފިޗް އިން ވަނީ ކުރިއަށްވުރެ ސްޓްރެޓީޖިކް އަދި ދެފުށް ފެންނަ އުސޫލަކުން ދައުލަތުގެ ޚަރަދުތައް ކުރުމަށް ކުރަމުންދާ މަސައްކަތާއި، ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ މަސައްކަތާއި އޭގެ މަންފާ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެފަދަ ގޮތަކަށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޢުމްރާނީ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

ފިޗްގެ ރޭޓިންގައި ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުމުގެ ގޮތުގއި ހިމަނާފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވުމުގެ ސަބަބުން އެ ސިނާއަތަށް އަންނަ ލޮޅުމަކުން ދަރަނި އިތުރުވެދާނެކަމުގެ ބިރެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާފައިވަނީ 2016 ވަނަ އަހަރުއެވެ.