ތިމަރަފުށީގައި ދުއްވާފައިދިޔަ ވޭނަކުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
މިދިޔަ މާރޗް މަހުގެ 12 ވަަދުވަހު ތިމަރަފުށީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުލޭޚާ 52އ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ސްރީލަންކާގައި ފަރުވާދެމުންދަނިކޮށް މިރޭ ދަންވަރު 1:20 ހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މިހާ ދުވަސް ވަންދެން އޭނާ އޮތީ ކޯމާއެއްގައިކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭޚާ ހިނގާފައި ދަނިކޮށް، އެ މަގުން ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލްނުވެ ގޮސް އޭނާގެ ގައިގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އޭނާގެ ބޮލަށާއި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެ ވޭން ދުއްވަން އިން މީހާގެ ލައިސަންސްވެސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމަށްފަހު ތ.އަތޮޅުހައި ހުންނަ ޕީޖީ އޮފީހުގެ ގޮތްޕާ ހަވާލުކޮށްފައިވާއިރު، މި މައްސަލައިގެ ދަޢުވާކުރުމުގެ ބައި މިހާރު ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ،