ޓެލެވިޜަން މޯލްޑިވްސްގެ ހެއްވާ މަޖާ ޑްރާމާތަކުން މަޝްހޫރުކަން ހޯދި ކުރީގެ މަޝްހޫރު ކޮމީޑިއަން މއ.ސީރިޔަޒުގޭ ހާރޫން އަހުމަދު (ޖޮނީ) ނިޔާވެއްޖެއެވެ.
އޭނާ ނިޔާވިއިރު ޢުމުރަކީ 72 އަހަރެވެ. "ޖޮނީ" ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަބަޔަކު އަންނަނީ ހިތާމަފާޅުކޮށް އޭނާގެ ޢާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އަދި އޭނާއަށް ހެޔޮ ދުޢާކޮށް ސޯޝަލް މީޑިއާގައިވެސް ގިނަބަޔަކު ޝުޢޫރު ފާޅުކޮށްފައިވެއެވެ.
"ޖޮނީ"އާއެކު ހެއްވާ މަޖާ ގިނަ ޑްރާމާތަކާއި ފިލްމުތަކުގައި ޙަރަކާތްތެރިވެފައިވާ ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފު ރަފީޢު (ޔޫސޭ) އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ "ޖޯނީ"އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަމަށެވެ. އަދި ޔޫސޭގެ ޑްރާމާތަކުގައި ވަރަށް ތަފާތު ރޯލްތައް އަދާކޮށްފައިވާ ހުނަރުވެރި ފަންނާނެއްގެ ގޮތުގައި ޔޫސޭވަނީ "ޖޮނީ" ސިފަކޮށްފައެވެ.
ކުރީގެ މަޝްހޫރު ފަންނާނު އަދި ފަންނުވެރިކަމުގެ ދާއިރާއިން ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެއްކަމަށްވާ ޙުސައިން ޝިހާބު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައިވަނީ "ޖޮނީ"އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ލެޖެންޑެއްކަމަށެވެ. އަދި އޭނާގެ ހުނަރުވެރިކަމާއި ފުރިހަމަ ހުށަހެޅުންތައް ފާހަގަކުރައްވައި ޙުސައިން ޝިހާބުވަނީ ތާރީފްކުރައްވާފައެވެ. އަދި "ޖޮނީ"އަށް ހެޔޮދުޢާ ކުރައްވާފައިވެއެވެ.
ހާރޫން އަހުމަދު (ޖޮނީ) އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހެއްވާ ރޯލުތައް ކުޅެގެން ޢާއްމުންގެ މަޤުބޫލުކަން ހޯދާފައިވާ ހުނަރުވެރިއެކެވެ. އާއްމުން އޭނާ ފާހަގަކުރަނީ ޢާއްމު ދިރިއުޅުމުގައި ދިމާވާއިރުވެސް ހިނިތުންވުމާ އެކު މީހުންނާ މުޚާޠަބުކުރާ ސަމާސާ މިޒާޖެއްގެ މީގެއްގެގޮތުގައެވެ.
ހާރޫން އަހުމަދު "ޖޮނީ"ގެ ނަމުން މަޝްހޫރުވެފައިވަނީ މަޝްހޫރު ހިންދީ ކޮމެޑިއަން ޖޮނީ ލެވާ ކުޅޭފަދަ ރޯލްތައް އޭނާ ކުޅެފައިވާތީއާއި، އެކްޓިންގައި ޖޮނީ ލެވާގެ ސްޓައިލަށް އޭނާ އެކްޓްކުރާތީކަމަށް ކޮމީޑިއަން ޔޫސޭ ބުނެއެވެ.
މުނިފޫހި ފިލުވުމުގެ ދައިރާގައި މަސައްކަތްކުރުމުގެ އިތުރުން ހާރޫން އަހުމަދު (ޖޮނީ) ވަނީ ސަރުކާރުގެ ބައެއް ވަޒީފާތައްވެސް އަދާކޮށްފައެވެ. އޭނާގެމައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އާސަރާ މިސްކިތުގައެވެ.