ޚަބަރު

ކޯޓާގެ މައްސަލާގައި މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރުން ކޯޓަށް


ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނީ އުސޫލުން ބޭރުންކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރު ހައްޖު ގްރޫޕުން ދައުވާކޮށްފިއެވެ.

ސިސިލްފަރަކީ ރާއްޖެއިން މީހުން ހައްޖަށާއި އުމްރާއަށް މީހުން ގެންދާތާ ގިނަ ދުވަސްވެފައިވާ ގްރޫޕެކެވެ. ޢެ ގުރޫޕުން ދައުވާ ކުރި މައްސަލާގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށެވެ. ސިސިލްފަރުން ހުށައެޅި މައްސަލާގައި އެދިފައިވަނި އިސްލާމިކް މިނިސްޓްރީންގެ ނިންމުން ބާތިލުކޮށް ދިނުމަށެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 5 ޖަމާއަތަކަށެވެ.

އެގޮތުން ހުއްދަ ދީފައިވާ ކުންފުނިތަކާއި އަގުތަކަށް ބަލާއިރު:

މޯލްޑިވްސް ޙައްޖު ކޯޕަރެޝަން ލިމިޓެޑް – 69965ރ
ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް- 72550ރ
ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް- 70000ރ
މިނާ ޙައްޖު އެންޑް އުމްރާ ޕްރއިވެޓް ލިމިޓެޑް- 69965ރ
އެކްރޯ ޕްރައިވެޓް ލިމިޓެޑް- 59965ރ
އަލް ހަރަމައިން ޙައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް- 69965ރ

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ވަމުން އަންނަ ތައްޔާރީ ތަކާއި ގުޅޭ މަޢުލުމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު ޢަލީ ވިދަޅުވީ، ހުއްދަ ދިން ކުންފުނިތަކުން މިނިސްޓްރީއާއެކު އެއްބަސްވެފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ ޤާނުނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.

މިހާރު ލިބިފައިވާ 1000 ކޯޓާގެ އިތުރުން 1000 ކޯޓާ ލިބޭނެކަން ސަޢުދީން ޔަގީންކަންދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 1000 ކޯޓާ ބަހާފައިވަނީ، ހައްޖު ކޯޕަރޭޝަނަށް 550، ދެން ކޮންމެ ގްރޫޕަކަށް 90 ކޯޓާއެވެ.

ޙައްޖައް މީހުން ގެންދިއުމަށް ކުންފުނިތައް ހޮވާފައިވަނީ އަގަށް %35، ޚިދުމަތަށް %60 އަދި ތަޖުރިބާއަށް %5ގެ މަގުން މާކްސް ދީގެންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިފަހަރު ޙައްޖައް މީހުން ގެންދިއުމުގެ އުސޫލްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އޮޅުވާލައިގެން ފައިސާ ނެގުން ހުއްޓުވުމާއި، ކުންފުނިތައް ކަނޑައެޅުމުގައި ދެފުށް ފެންނަ އުސޫލަކުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީއިންވަނީ ޙައްޖުގެ ކަންކަން އިވަލުއޭޓްކުރާ ކޮމިޓީއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެހެން އަހަރު ތަކުގައި ޙައްޖުގެ ކަންކަން އިވެލުއޭޓް ކުރަނީ އިސްލާމިކް މިނިސްޓަރ އެކުލަވާލާ ކޮމެޓީއަކުން ނަމަވެސް، މިއަހަރު އެކުލަވާލާފައިވާ 5 މެންބަރުންގެ ކޮމިޓީ އެކުލަވާލާފައިވަނީ ކަމާ ގުޅުންހުރި އިދާރަތަކުން މީހުން ހިމެނޭހެންނެވެ.

.ކޮމިޓީގައި ހިމެނެނި ފިނޭންސް، އޭޖީ އަދި އިކޮނޮމިކް މިނިސްޓްރީން ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރިގެ 2 ބޭފުޅުންނެވެ.