ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިމާޔަތްކުރުމަށް ބޮޑު ހިލަ ޖަހަނީ


ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ހިއްކާފައިވާ ބިމުގެ ފަސްގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ފަސްގަނޑު ހިމާޔަތް ކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި، އެންމެ ފުރަތަމަ ހިލަޖަހަން ފަށާފައިވަނީ ދެވަނަ ފިޔަވަހި ފެށޭ ހިސާބުގެ ދެކަނުން ކަމަށެވެ.އެ ދެކަނަކީ ފަސޭހައި ގިރުމުގެ ފުރުސަތު އޮތްތަން ކަންވެސް ސައިމަންވަނީ  ފާހަނގަ ކުރައްވާފައެވެ. ސައިމަން ވިދާޅުވީ،  ޔޮޓް މެރީނާ އާއި، ކުރޫޒް ޓާރމިނަލް ހެދުމަށް މިހާރު ޕައިލް ކޮށްފައި ހުރިވެލި އެ ސަރަހައްދަށް އަޅައި، އެ ފަސްގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ. އަދި ފަސްގަނޑު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް ސައިމަން ވިދާޅުވިއެވެ.ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 240 ހެކްޓަރު ބިންވަނީ ހިއްކާފައެވެ.