ޚަބަރު

ސްރީ ލަންކާގައި އަނެއްކާވެސް ކާފިއު އިޢުލާންކޮށްފި


މިދިޔަ މަހުގެ 21ވަނަ ދުވަހު ސްރީ ލަންކާއަށް ދިން ޓެރަރިސްޓު ޙަމަލާތަކަށްފަހު އެޤައުމުގައި އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން އަނެއްކާވެސް މިރޭ އެޤައުމުގައި ކާރފިއު އިޢުލާންކޮށްފައިތީ ކަނޑައެޅިފައިވާ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށް އެޤައުމުގައި އުޅޭ ދިވެހިންނަށް ދިވެހި އެމްބަސީން އިލްތިމާސް ކުރައްވައިފިއެވެ.

މިރޭ ނުވަޔަކުން ފެށިގެން ފަތިހު ހަތަރެއް ޖަހަންދެން ސްރީލަންކާގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އެހެންކަމުން މިގަޑިތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށާއި އެޤައުމުގެ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެމްބަސީންވަނީ އިލްތިމާސްކުރައްވާފައެވެ. ދިވެހި އެމްބަސީން މީގެ ކުރިން ވަނީ ސްރީލަންކާގައި މިވަގުތު ދިރިއުޅޭ ދިވެހި ރައްޔިތުން ގެއިން ބޭރުގައިއުޅޭ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

އަދި ސްރީލަންކާގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޕާސްޕޯޓްގެ ކަންތައްތައް ފުރިހަމަ ވެފައިވޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަވައްޓެރި ސްރީލަންކާއަކީ ގިނަޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.