ޚަބަރު

ޖަލު އޮފިސަރުން އަމަލުކުރާނެ އާ ސުލޫކީ މިންގަނޑެއް އެކުލަވާލައިފި


ޖަލު އޮފިސަރުނަށް ޤައިދީންނާ ކައިވެނި ނުކުރެވޭގޮތަށް ޖަލު އޮފިސަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައިފިއެވެ.އިއްޔެ އާންމުކޮށްފައިވާ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޝަރުޢީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކާ ނުވަތަ ކުށެއްގެ ތުހުމަތުގައި ކޯޓްއަމުރެއްގެ ދަށުން ބަންދުގައި ހުރިމީހަކާވެސް ޖަލުގެ އޮފިސަރުން ކައިވެނި ކުރުމަކީ މަނާކަމެކެވެ.ޖަލުގައި ދިމާވާ ކަމަކާ ގުޅިގެން ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންޖެހޭނީ ޖަލުގެ ޒިންމާދާރުވެރިއެއްގެ ސީދާ އިރުޝާދުގެ ދަށުން ކަމަށާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަށީގެން ނުވާ ބާރެއްގެ ބޭނުން ކޮށްގެން ނުވާނެކަމަށް މި ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ޤާނޫނުން ޕްރިޒަން އޮފިސަރުންނަށް ލިބިދޭ ބާރުގެ ބޭނުންކުރަންވާނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.މީގެ އިތުރުން ޖަލުގައި ބަންދު ކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ޤަވާއިދެއްވެސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އެކުލަވާލާފައެވެ.އެޤަވާއިދުގައި ޤައިދީން އަމަލުކުރާނެ އާންމުއުސޫލުތަށް ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި ޖަލުގައި މުޢާމަލާތުކުރާނެ އުސޫލުތަކާއި، ޤައިދީންގެ ސާފުތާހިރުކަން ގެންގުޅެންޖެހޭނެ މިންގަނޑު ވަނީ ކަނޑައަޅާފައެވެ.މި ދެޤަވާއިދުވެސް އެކުލަވާލާފައިވަނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެދަށުންނެވެ.