ޚަބަރު

ވެންޕާސީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި


އާސެނަލްއާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ނެދަލެންޑްސްގެ ފޯވާޑް ރޮބިން ވެންޕާސީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ރޮބިން ވެން ޕާސީ ކުޅުން ހުއްޓާލީ އޭނާ މިހާރު ކުޅެމުންދާ ނެދަލެންޑްސްގެ ފޭނޫޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗާއިއެކުއެވެ. މި މެޗުން ފޭނޫޑް ބަލިވިނަމަވެސް ވެންޕާސީވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

35 އަހަރުގެ ވެންޕާސީ ކުލަބު ފުޓްބޯޅަ ފެށީވެސް ފޭނޫޑާއެކުއެވެ. އެކުލަބާއިއެކު 2002ގެ ޔުއެފާ ކަޕް ކާމިޔާބުކުރުމަށްފަހު ވެންޕާސީ ބަދަލުވީ އާސެނަލަށެވެ. އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑުގައެވެ. އެގޮތުން 2013ގެ ޕްރިމިއަރ ލީގު އޭނާ ޔުނައިޓެޑާއިއެކު ހޯދިއެވެ. އޭގެ ފަހުން އޭނާވަނީ ތުރުކީގެ ފެނަބާޗޭއަށްވެސް ކުޅެފައެވެ. ރޮބިން ވެންޕާސީވަނީ ނެދަލެންޑްސްގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީ 50 ގޯލްޖަހައިދީފައެވެ.