ޚަބަރު

ގެތާފޭ އަތުން ބާސާ މޮޅުވިއިރު، ވިދިވިދިގެން ތިންވަނަ ފަހަރަށް ރެއާލް ބަލިވެއްޖެ


ސްޕެނިޝް ލަލީގާގައި ޗެމްޕިއަން ބާސެލޯނާ މޮޅުވިއިރު ވާދަވެރި ރެއާލް މެޑްރިޑް އަނެއްކާ ވެސް ބަލިވެއްޖެއެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ މޮޅުވީ ގެތަފޭ އަތުން 2-0އިންނެވެ. ފުރަތަމަ ގޯލު ޖެހީ ޗިލީގެ މިޑްފީލްޑަރު އަރްތޫރޯ ވިދާލްއެވެ. މިއީ ބާސެލޯނާގެ ދަނޑުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މި މެޗުގައި ކީޕަރު ޔެސްޕާ ސިޔެސަން ވަނީ ކުޅެފައެވެ. މިއީ ބާސެލޯނާގެ ދަނޑުގައި އޭނާ ކުޅޭނެ ފަހު މެޗެވެ. އެއީ މި ސީޒަނަށް ފަހު އޭނާ ކުލަބާ ވަކިވާތީއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ބަލިވީ ރެއާލް ސޮސިއެދާދް އަތުން 3-1 އިންނެވެ. މި މެޗުގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ޓީމަށް ހަމައެކަނި ލަނޑު ޖަހައިދިނީ ބްރަހިމް ޑިއެޒްއެވެ. މިއީ މި ސީޒަނުގައި ތައްޓެއް ނުލިބި ހުސްއަތާ ތިބެން ޖެހިފައިވާ ރެއާލް ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ.