ޚަބަރު

ސިޓީއިން ލީގު ހޯދިއިރު މިފަހަރުވެސް ރެކޯޑްތަކެއް


ލިވަޕޫލް ރޮއްވާލުމަށްފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި މެންޗެސްޓަރ ސިޓީން އިއްޔެ ދިފާއުކުރިއިރު، މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް މެންޗެސްޓަރ ސިޓީންވަނީ ގިނަ ރެކޯޑްތަކެއް މުގުރާލާފައެވެ.

ޕްރިމިއަރ ލީގުގެ ތާރީޚުގެ އެންމެ ގިނަ ޕޮއިންޓާއިއެކު ސީޓީން މިދިޔަ އަހަރުގެ ލީގު ކާމިޔާބުކުރިއިރު، މިފަހަރު އެޓީމަށް 100 ޕޮއިންޓް ހަމަކުރަން މަދުވީ ދެ ޕޮއިންޓެވެ. 98 ޕޮއިންޓާއިއެކު ސިޓީ ލީގު ކާމިޔާބުކުރިއިރު، ލިވަޕޫލުން 97 ޕޮއިންޓް ލީގުގައި ހޯދިއެވެ. މިއީ ދެވަނައަށް ދިޔަ ޓީމަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސިޓީއާއިއެކު ލިވަޕޫލް އެއްކޮށް 195 ޕޮއިންޓް ހަމަކުރިއިރު، މިއީ ލީގުގެ އެއްވަނަ އަދި ދެވަނަ އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދި އަހަރެވެ.

ސިޓީން މި ސީޒަންގައިވަނީ 32 މެޗުން މޮޅުވެފައެވެ. މިދިޔަ ސީޒަންގައިވެސް މެންޗެސްޓަރ ސިޓީންވަނީ ލީގުގެ 38 މެޗުގެ ތެރެއިން 32 މެޗުން މޮޅުވެފައެވެ. ޗެމްޕިއަންސް މެންޗެސްޓަރ ސިޓީންވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހި ޓީމްގެ ރެކޯޑްވެސް މުގުރާލާފައެވެ.

2014ގައި 156 ގޯލް ޖަހައިގެން ސިޓީން ހެދީ ރެކޯޑު ސިޓީން މި ސީޒަންގައި މުގުރާލީ 163 ގޯލް ޖަހައިގެންނެވެ. ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯވަނީ މި ސީޒަންގައި 21 ގޯލް ޖަހާފައެވެ. މިދިޔަ ފަސް ސީޒަންގައިވެސް އޭނާ 20 ގޯލަށްވުރެ ގިނައިން ޖެހިއިރު، އޭނާވެފައިވަނީ އާސެނަލްގެ ކުރީގެ ފޯވާޑް ތިއޮރީ އޮންރީއަށްފަހު ޖެހިޖެހިގެން ފަސް ސީޒަންގައި 20 ގޯލަށްވުރެ ގިނައިން ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.