ޚަބަރު

ސަލާމަތީގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާއިން އެހީތެރިވެދޭނެ- ސަފީރު


ދިވެހިރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އެމެރިކާ ސަރުކާރުން ދެއްވާނެކަމަށް އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެއިން ޓެޕްލިޓްޒް މިހެން ވިދާޅުވީ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި އެމެރިކާ ސަފީރު ވަނީ، ސަރުކާރުން، އަދުގެ ސަލާމަތީ ވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދެއްވަމުން ގެންދަވާ ޚާއްޞަ ސަމާލުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެމެރިކާ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ސަފީރު ޓެޕްލިޓްޒް ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި އެމެރިކާއިން ދިވެހި ސިފައިން ތަމްރީނުކުރުމަށާއި އެނޫންވެސް ކަންކަމުގައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، ދިފާޢީ ވަޒީރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާއިން ދަނީ އަދުގެ ޙާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންކަމަށެވެ.

މި ބައްދަލުވުމުގައި ދިފާޢީ ވަޒީރުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އިތުރުން، އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.