އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ފައިނަލުން ރާއްޖޭގެ ފާތުމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.
11 އަހަރުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފައިނަލުން ޖާގަ ހޯދީ އިރާންގެ ސައުރީ ޓާރާ އާއި ވާދަކޮށް ސީދާ 3 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ކޮންމެ ސެޓްއެއްގައިވެސް ދީމާވަނީ ވަރަށް މޮޅަށް ކުޅެފައެވެ.
ތައިލެންޑްގައި ކުރިއަށްދާ މިމުބާރާތުގައި ދީމާގެ ކޯޗް އިބްރާހީމް ޝިއުރީ ބުނީ 3 ސެޓްގައިވެސް ދިމާ ކުޅުނީ އެޓޭކުކޮށްގެންކަމަށާއި، ފައިނަލާއިމެދުވެސް އުއްމީދުބޮޑުކަމަށެވެ.
މެޗްގެ ފުރަތަމަ ސެޓް އާއި ދެ ވަނަ ސެޓްގައިވެސް ލީޑްގައި އޮވެގެން ކުޅެފައިވަނީ ދިމާކަން ފާހަގަކޮށްލެވެއެވެ. ތިންވަނަ ސެޓްގައި އިރާންގެ ކުޅުންތެރިޔާވަނީ ފަހަތުން އަރާ ދިމާއާއި އެއްވަރުކުރި، ނަމަވެސް ދިމާވަނީ އަލުން ލީޑް ހޯދާ ތިންވަނަ ސެޓްވެސް ކާމިޔާބުކޮށްފައެވެ. ދިމާ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ގުރޫޕް ބީގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.
ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗްގެ ތެރެއިން ދީމާ ތިން މެޗް ކާމިޔާބުކުރިއެވެ. އެއީ ލެބަނަން، ތައިލޭންޑް އަދި ކަޒަކްސްތާން ގެ ކުޅުންތެރިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖްގައި ބަލިވެފައިވަނީ އިންޑިޔާގެ ސަޔާނީ ޕަންޓާ އާއި ވަދަކޮށްގެންނެވެ.
ދީމާ އޭޝިއާ ހޯޕްސް މުބާރާތުން ޖާގަ ހޯދީ ޖެނުއަރީގައި އިންޑިޔާގައި ބޭއްވި ސައުތް އޭޝިއާ ހޯޕްސް މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއީ ރާއްޖޭގެ ކުޅުންތެރިޔަކު ޓޭބަލް ޓެނިސްގެ ބައިނަލްއަޤުވާމީ މުބާރާތެއްގައި ރަންމެޑައްޔެއް ހޯދާފައިވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.