ޚަބަރު

މިނިވަން 50 ފާހަނގަކުރުމަށް މޫދު ކުޅިވަރުގެ ހާއްސަ އީދެއް


މޫދު ކުޅިވަރުގެ 15 މުބާރާތަކާއެކު މޫދު ކުޅިވަރުގެ އީދެއް ސައުވީހުން ފަންސަވީހަށް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔަރީތައް ވާން ފަށައިފިއެވެ.މިނިވަން ދުވަހާ ގުޅުވައިގެން ސަރުކާރުން ރާވާފައިވާ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިވަން ފަންސާހުގެ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން، އަސަރީ ސާރވިސަސް ގެ މެނޭޖިން ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ، މޫދު ކުޅިވަރުގެ އީދު ފެށޭނީ، ސައުވީސް ވަނަ ދުވަހު ހެނދުނު އަށަކުންކަމަށާއި، ހަރަކާތް ރަސްމީކޮށް އިފްތިތާހު ކުރުން އޮންނާނީ، އެރޭ ރޭގަނޑު އޮންނަ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.15 މުބާރާތެއްގެ އިތުރުން ދައްކާލުމުގެ 7 ކުޅިވަރެއްވެސް އެ ދެދުވަހު ފެނިގެންދާނެ ކަމަށް މުއީނާ ވިދާޅުވިއެވެ.މޫދު ކުޅިވަރު މުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މާދަމާ މެންދުރު ދޭއް ޖެހުމާއި ހަމައަށް އެކަމަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ކުޅިވަރު އޮންނަ ދުވަހު ކުޅިވަރުތަކުގައި ބައިވެރިވާ ފަރާތަތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިވަން ފަންސާސް އޮފީހުން މައުލޫމާތުދެއެވެ.މިނިވަން ފަންސާސް ފާހަނގަކުރުމަށް ބާއްވާ ކުޅިވަރުތައް، ހަފްތާ ބަންދަކާއި ދިމާކޮށް ބޭއްވުމުގެ ބޭނުމަކީ، ކައިރި ރަށްރަށުން މާލެއައިސް މި ކުޅިވަރުތައް ބަލާލަން ބެނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުންކަމަށްވެސް މިނިވަން ފަންސާސް އޮފީހުން މައުލޫމާތުދެއެވެ.މި ހަރަކާތްތަކުގެ އިތުރުންވެސް މީހުން ބޭނުން ކޮށްގެން ހަދާ އެންމެ ބޮޑު ދިދައިގެ ދުނިޔޭގެ ރެކޯޑް ގާއިމް ކުރުމަށްވެސް ރާއްޖެއިން މިހާރުވަނީ މަސައްކަތް ފަށާފައެވެ.