ޚަބަރު

ކޫލިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ލަސްވީ ބޭނުންވާ ތަކެތި ރާއްޖެ ނުގެވެނިގެން- އައި.ޖީ.އެމް.އެޗް

އައިޖީއެމް ހޮސްޕިޓަލުގެ ކޫލިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުނުވެ ލަސްވެފައިވަނީ އެކަން ހައްލުކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތިވުމުންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ ހޮސްޕިޓަލުގެ ކޫލިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކޫލިންގ ސިސްޓަމަށް ބޭނުންވާ ޓެކްނިކަލް ބައިތައް މިހާރު ލިބިފައިވުމާއެކު މަސައްކަތް ކުރަމުންދަނީ މި މަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލުގެ ފިނިކުރާ ނިޒާމު ހަލާކުވެފައިވުމާ ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް ކޫލިންގ ޓަވަރެއް ހޯދުމަށް ބޭރަށް އޯޑަރުކޮށްފައިވާކަމަށެވެ. އަދި އަޖީއެމްއެޗުން ކުރިން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ ފަހުހަފްތާގައި ކޫލިން ޓަވަރު ލިބި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މެއިމަހުގެ ފުރަތަމަ ދެހަފްތާގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އޭރު އެ ހޮސްޕީޓަލުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެ ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން މި މަސައްކަތް މިވަނީ ނުނިމި ލަސްވެފައެވެ.

ހޮސްޕިޓަލްގެ ކޫލިންގ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު އެ ހޮސްޕޓަލުންދަނީ އާއްމު ވޯޑުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެގޮތުން މި މަޝްރޫއުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން އީއެންޓީ ވޯރޑްގައި މިހާރު އޭސީ ހަރުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން އީއާރުގެ އެސީ ހަލާކުވެފައި ހުރުމުގެ ސަބަބުން އީއާރުގެ ޔެލޯ ޒޯން މިހާރު ވަނީ ކުރީގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށްވެސް ބަދަލުކޮށްފައެވެ.