ޚަބަރު

ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރާނަމަ ރައީސްގެ ހުއްދަ ނަގަންޖެހޭ


ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ޢާންމުކުރި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓް ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލުގައި" ވާގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުން ޚަރަދުކުރަންވާނީ ބަޖެޓުގައި އެ އޮފީހަކަށް ކަނޑައަޅާފައިވާ ފައިސާއަށްވުރެ އިތުރު ނުވާނެގޮތަށްކަމަށެވެ. އެހެންނަމަވެސް އެ ބަޖެޓަށްވުރެ އިތުރަށް ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ފަސް އިންސައްތައަށްވުރެ ބޮޑު ނުވާނެ މިންވަރަށް ޚަރަދުކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އައު އުސޫލުގައިވާގޮތުން އެ އަހަރަކަށް ފާސްކުރާ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިނުވާ މަޝްރޫޢުތަކުގެ ޖުމްލަ އަގު އެއް މިލިޔަން ރުފިޔާއަށް ވުރެކުޑަ "އައު މަޝްރޫޢަކަށް" ޕީ.އެސް.އައި.ޕީގެ ބަޖެޓުން ޚަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
އަދި ބަޖެޓްގައި ހިމަނާއިފައިވާ މަޝްރޫޢެއްގެ އަގަށް ގެންނަ ބަދަލެއް، އެ މަޝްރޫޢެއްގެ ޖުމުލަ އަގުގެ ތިރީސް އިންސައްތައަށް ވުރެ ބޮޑުވާ ނަމަ، އެ ކަމަކަށް ބަޖެޓުން ޚަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބިގެންކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ އުސޫލެއް އެކުލަވާލުމުގެ މަޤްޞަދަކީ، އެ މާލީ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓް ތަންފީޒުކުރުމުގައި، ފާސްކޮށްފައިވާ މިންވަރަށް ވުރެ ޚަރަދު އިތުރު ނުކުރުންކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ވަކިކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅައިފައިވާނަމަ، ހަމައެކަނި އެ ކަމަކަށް ޚަރަދުކުރުމާއި، ބަޖެޓް ތައްޔާރުކުރާ ގޮތަށް އެ ބަޖެޓް ތަންފީޒުކުރުމަށް ބާރުއެޅުމަކީވެސް މި އުސޫލުގެ މަޤްޞަދެއްކަމަށް ބުނެފައިވެއެވެ.

މިހާރު ޢަމަލުކުރަމުން އަންނަ ގޮތުން ބަޖެޓްގައި ވަކިގޮތަކަށް ޚަރަދުކުރުމަށް ހިމަނާފައިވީނަމަވެސް އެ މިނިސްޓްރީން ބޭނުންވާ ޚަރަދެއް ޚާއްޞަ ހުއްދައަކާ ނުލާ އަންނަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީން މިއަދު ޢާންމު ކުރި އައު އުސޫލުގައި ދައުލަތުގެ ބަޖެޓް ތައްޔާރުކޮށް ހުށައެޅުމުގައި ސަމާލުކަންދޭންޖެހޭގޭ ކަންކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ދައުލަތުގެ ބަޖެޓު ހުށައަޅަންޖެހޭނީ ބަޖެޓުގެ ޖުމުލަ އަދަދާއި، އާންމު ބަޖެޓުގައި ކަނޑައަޅައިފައިވާ މަސްއޫލު އޮފީސްތަކުގެ ބަޖެޓު ވަކިވަކިން އެނގޭ ގޮތަށް ތާވަލެއްގެ ގޮތުގައިކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު ކޮންޓިންޖެންސީގެ ގޮތުގައި މިނިސްޓަރަށް ގިނަވެގެން ޚަރަދުކުރުމަށް ހުއްދަދެވިދާނެ މިންވަރެއް ކަނޑައަޅައި، ޖުމުލަ ބަޖެޓުގައި ހިމަނަންވާނެކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ އަހަރަށް ފާސްކުރާ ޖުމުލަ ބަޖެޓަށްވުރެ އިތުރަށް އެ މާލީ އަހަރެއްގައި ޚަރަދުކުރެވޭނީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު ފާސްކުރުމުންކަމަށްވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލަށްޢަމަލުކުރަން ފަށާނީ އަންނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖާއެކުގައެވެ.