ވިޔަފާރި

ހުސްވިމަހު މީރާއަށް އާމްދަނީގެ ގޮތުގައި 1.31 ބިލިއަން ރުފިޔާ

ހުސްވި އެޕްރީލްމަހު މީރާއަށް 1.31 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %12.6 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %6.3 އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވުމެވެ. އަދި، އެޕްރީލް މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓީޖީއެސްޓީ، އާއްމު ޖީއެސްޓީ އަދި ބީޕީޓީގެ އިތުރުން ރިސޯޓު ކުލީގެގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ މި މަހުގެ ތެރޭގައި ދެއްކުމުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިއަހަރުގެ އޭޕްރިލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ %67.1 ނުވަތަ 875,69 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސް އިންނެވެ. އެއީ % 6.4 ނުވަތަ 83.6 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 70.13 މިލިއަން ރުފިޔާ ބީޕީޓީގެ ގޮތުގައި 69.72 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.88 މިލިއަން ރުފިޔާ ހިމެނޭކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރެއިން ބޭރުފައިސާގެ ގޮތުގައި ހިމެނެނީ، 55.9 މިލިއަން އެމެރިކާ ޑޮލަރެވެ.