މިއަހަރު ރާއްޖެއިން މީހުން ހައްޖައް ގެންދިއުމަށް ހައްޖުކޯޕަރޭޝަން ހިމެނޭހެން 6 ކުންފުންޏަކުން ހައްޖައް ގެންދިއުމުގެ ހުއްދަ ދީފިއެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖައް ގެންދިއުމަށް 18 ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށައެޅިނަމަވެސް މަޢުލޫމާތު ފުރިހަމަ ނުވެގެން 6 ކުންފުނެޏެއްގެ ޕްރޮޕޯސަލް ބާތިލްކޮށްފައިވެއެވެ. ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ހައްޖައް ގެންދިއުމުގެ ހުއްދަ، ހައްޖުކޮޕަރޭޝަންގެ އިތުރުން 5 ކުންފުންޏަކަށްދީ، އެ ކުންފުނިތަކުން މީހުން ޙައްޖައް ގެންދާނެ އަގުތައް އިސްލާމިކް މިނިސްޓްރީން ވަނީ އިޢުލާން ކުރައްވާފައެވެ.
އެގޮތުން ހުއްދަ ދީފައިވާ ކުންފުނިތަކާއި އަގުތަކަށް ބަލާއިރު:
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ވަމުން އަންނަ ތައްޔާރީ ތަކާއި ގުޅޭ މަޢުލުމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު ޢަލީ ވިދަޅުވީ، ހުއްދަ ދިން ކުންފުނިތަކުން މިނިސްޓްރީއާއެކު އެއްބަސްވެފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ ޤާނުނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.
"މިހާރު ލިބިފައިވަނި 1000 ކޯޓާގެ އިތުރުން 1000 ކޯޓާ ލިބޭނެކަން ސަޢުދީން ޔަގީން ކޮށްދެއްވަފައިވޭ. ލިބިފައިވަ 1000 ކޯޓާ ބެހިފައިވަނީ، ހައްޖު ކޯޕަރޭޝަނަށް 550، ދެން ކޮންމެ ގްރޫޕަކަށް 90 ކޮޓާ" ޑެޕިއުޓީ މިނިސްޓަރ ޝާފިއު ވިދާޅުވިއެވެ.
ޙައްޖައް މީހުން ގެންދިއުމަށް ކުންފުނިތައް ހޮވާފައިވަނީ އަގަށް 35%، ޚިދުމަތަށް 60% އަދި ތަޖުރިބާއަށް 5%ގެ މަގުން މާކްސް ދީގެންނެވެ.
އިސްލާމިކް މިނިސްޓްރީއިން ވަނީ މިފަހަރު ޙައްޖައް މީހުން ގެންދިއުމުގެ އުސޫލްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އޮޅުވާލައިގެން ފައިސާ ނެގުން ހުއްޓުވުމާއި، ކުންފުނިތައް ކަނޑައެޅުމުގައި ދެފުށް ފެންނަ އުސޫލަކުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީއިންވަނީ ޙައްޖުގެ ކަންކަން އިވަލުއޭޓްކުރާ ކޮމިޓީއަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެހެން އަހަރު ތަކުގައި ޙައްޖުގެ ކަންކަން އިވެލުއޭޓް ކުރަނީ އިސްލާމިކް މިނިސްޓަރ އެކުލަވާލާ ކޮމެޓީއަކުން ނަމަވެސް، މިއަހަރު އެކުލަވާލާފައިވާ 5 މެންބަރުންގެ ކޮމިޓީ އެކުލަވާލާފައިވަނީ ކަމާ ގުޅުންހުރި އިދާރަތަކުން މީހުން ހިމެނޭހެންނެވެ.
"މިފަހަރު މިނިސްޓަރެއް ނޫން އިވަލުއޭޝަން ކޮމިޓީ އެކުލަވާލީ. ކޮމިޓީގައި ހިމެނެނި ފިނޭންސް، އޭޖީ އަދި އިކޮނޮމިކް މިނިސްޓްރީން ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރިގެ 2 ބެފުޅުން" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ އަހަރު ރާއްޖެއިން ޙައްޖައް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ޙައްޖު ކޯޕަރޭޝަން ހިމެނޭހެން 5 ކުންފުންޏަކަށެެވެ.