ޚަބަރު

މެދުއިރުމަތީގައި އެމެރިކާގެ އިތުރު ދިފާޢީ ނިޒާމުތައް ރުކުރުވާލައިފި


މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުގެ ހަމަލާއެއް ދީފާނެކަމަށް ބުނެ މެދުއިރުމަތީގައި ޕެޓްރިއޮޓް މަރުކާގެ ދިފާއީ އިތުރު ނިޒާމުތައް ރުކުރުވާލަން އެމެރިކާ ނިންމައިފިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރުކަމުގެ ގާއިމް މަގާމުގައި ހުންނެވި ޕެޓްރިކް ޝެނަހާން ވިދާޅުވީ ޕެޓްރިއޮޓް މަރުކާގެ ދިފާއީ އިތުރު ނިޒާމުތައް މެދުއިރުމަތީގައި ރުކުރުވާލަން ނިންމީ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާ ދިނުމަކީ އެމެރިކާގެ ފަރާތުން ވަރުގަދަ ރައްދެއް ކުރިމަތިވާނެ ކަމުގެ މެސެޖް އީރާނަށް ދިނުން ކަމަށެވެ.

މެދުއިރުމަތީގައި ޕެޓްރިއޮޓް މަރުކާގެ އިތުރު ބެޓެރީތައް ރުކުރުވާލަން އެމެރިކާ ނިންމި ނިންމުމަކީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި އީރާނަށް ބިރު ދައްކަން އެމެރިކާ މިހާރު ފަށާފައިވާ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އީރާނަށް ބިރުދައްކައި މެދުއިރުމަތި ހަލަބޮލި ކުރުމަށްޓަކައި އެމެރިކާ ވަނީ ބީ ފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބޯޓުތަކާއި އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރެއް ހިމެނޭގޮތަށް އެމެރިކާ ސިފައިންގެ ބޮޑު ފްލީޓެއް މެދުއިރުމައްޗަށް ފޮނުވާފައެވެ.

މެދުއިރުމައްޗަށާއި ގަލްފުގެ ސަރަހައްދަށް ކަނޑާއި ވައިގެ ބޮޑު ބާރެއް ފޮނުވައި އެމެރިކާއިން އެ ސަރަހައްދުގައި ހަނގުރާމައިގެ ބެރު ޖަހަމުން މިގެންދަނީ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުގެ ނުރައްކާ އޮތްކަމަށްބުނެ ޖާސޫސީ ރިޕޯޓެއް ނެރުމަށްފަހުގައެވެ. މިފަދަ ރިޕޯޓެއް ނެރެގެން ސަބަބެއް ހޯދައިގެން ނޫނީ ދުނިޔޭގެ ސަރަހައްދަކަށް ކުއްލިގޮތަކަށް އަސްކަރީ ބާރެއް ފޮނުވުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަކީ އެމެރިކާ ސަރުކާރަށް ފަސޭހަ ކަމެއްނޫނެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މިދިޔަ ހަފްތާގައިވަނީ އެމެރިކާ ކަންބޮޑުވާ ފަދަ އިންޒާރުތަކެއް އީރާނުގެ ފަރާތުން ލިބޭކަމަށް ވިދާޅުވެ އީރާނަށް ބިރުދައްކަވައި ވާހަކަ ދައްކަވާފައެވެ. މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ގޯނާއެއްކޮށްފި ނަމަ ވަރުގަދަ ރައްދެއް އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ބޯލްޓަން ވަނީ ދެއްވާފައެވެ.

އެއަށްފަހު އިރާގަށް ކުއްލި ގޮތަކަށް ވަޑައިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އެމެރިކާ އީރާނަށް ބިރުދައްކަމުން ގެންދިޔަ ނަމަވެސް އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ވެރިއެއްކަމަށްވާ ޔަދުﷲ ޖުވާނީ ވަނީ ވިދާޅުވެފާ. ޖުވާނީ ވިދާޅުވީ އެމެރިކާއަކީ އީރާނަށް އިސްވެ ޙަމަލާދޭން ކެރޭވަރަށްވުރެ ފިނޑި ގައުމެއް ކަމަށެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ނިއުކްލިޔަރ އެއްބަސްވުމަށް ބެލުމެއްނެތި އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަލުން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ރޫހާނީ ވިދާޅުވީ ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން އީރާނަށް ކޮށްދޭން ޖެހޭ ކަންތައްތައް އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެހެން ގައުމުތަކުން ކޮށްނުދޭތީ އީރާނުންވެސް އެ އެއްބަސްވުމުގައިވާ ގޮތަށް ހުރިހާކަމެއް ދެން ނުކުރާނެ ކަމަށެވެ. މިގޮތުން ޔުރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ދެމަސްތެރޭގައި އަލުން ފަށާނެކަމަށް ރޫހާނީ ވިދާޅުވިއެވެ. މީގެ އިތުރުން އީރާނުންވަނީ އެގައުމުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ މަސައްކަތް ކޮށްފިނަމަ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.