ޚަބަރު

ޤާބިލު ނަރުހުން: ސިއްޙީ ދާއިރާގެ ކުރިއެރުން


ހޮސްޕިޓަލުގައި ނުވަތަ ސިއްޙީ މަރުކަޒުގައި ބަޔެއްވެގެން އެޑްމިޓުކުރާ ހިސާބުން އެންމެ ފުރަތަމަ އެހީތެރިކަމާއި އޯގާތެރިކަން ލިބިގެންދަނީ ނަރުހުންގެ ފަރާތުންނެވެ. ބަލިމީހާއާއި އާއިލީގޮތުން ގުޅުމެއް ނެތް ނަމަވެސް ނަރުހުން ވަރުބަލިކަމެއްނެތި ފޯރުކޮށްދޭ ޚިދުމަތަކީ އަޅާލުމާއި ލޯތްބާއި ކުލުނު ފެނިގެންދާ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ އެކި އިހްސާސްތައް އެއްފަރާތްކުރުމަށްފަހު ނަރުހުން ހިނިތުންވުމާއެކު ދޭ ޚިދުމަތްތަކަކީ އަގުވަޒަންކުރަންޖެހޭ ޚިދުމަތެކެވެ.

މިއަދަކީ މިފަދަ ނަރުހުންގެ އަގުވަޒަންކުރުމަށް ބައިނަލްއަޤުވާމީ ނަރުހުންގެ ޖަމްޢިއްޔާއިން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. މުޅި ދުނިޔޭގައި ފާހަގަކުރާ މިދުވަސް ރާއްޖޭގައިވެސް ދަނީ ފަހަގަކުރަމުންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެކި ފެންވަރުގައި އަންނަނީ މަސައްކަތްކުރެވެމުން. އެގޮތުން ސިއްޙީ ދާއިރާގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރާ އެއްބަޔަކީ ނަރުހުންކަމަށްވުމާއެކު ސަރުކާރުން ގެންދަވަނީ ނަރުހުން ހަރުދަނާކުރުމަށް އެކި ފެންވަރުގައި ތަމްރީންތައް ހިންގަވަމުންނެވެ. ދުނިޔެގެ އެކި ކަންކޮޅުތަކުގައި ނަރުހުންގެ ދުވަސް ކޮންމެ އަހަރެއްގެ މޭމަހުގެ 12 ވަނަ ދުވަހު ފާހަގަކުރަމުން އަންނަނީ ނަރުހުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހުރިހާ ލެވެލްއެއްގައިވެސް ދެނެގަނެވި އެކަމަށް ޙައްލު ހޯދުމުގެ މަޤްޞަދުގައެވެ.

ނަރުހުން ކުރިއަރައިދިޔުމަކީ ސިއްޙީ ނިޒާމަށް އޭގެ ހެޔޮބަދަލު އަންނާނެކަމަކަށްވާތީ ސަރުކާރުންވަނީ ނަރުހުންގެ ކުރިއެރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ނަރުހުންނަށް ވަޒީފާގައި ތިބެގެން އިތުރަށް ކިޔެވޭނެ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާއިރު ބައެއް ނަރުހުން ދަނީ މިހާރުވެސް ޤައުމީ ޔުނިވަރސިޓީގައި އިތުރަށް ތަމްރީނުވަމުންނެވެ.

ނަރުހުންގެ ފެންވަރު ބެލުމަށް ޚާއްސަ އިމްތިޙާނުތަކެއް ހަދަމުން އަންނައިރު މީގެ ސަބަބުން ނަރުހުންގެ ޤާބިލުކަން ވަޒަންކުރެވި އިތުރަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ދަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު ކުރަމުންނެވެ.

ރާއްޖޭގެ ނަރުހުންނަށް ބަލާއިރު ޒަމާނުއްސުރެ މިދާއިރާގައި ޙަރަކާތްތެރިވަނީ އަންހެނުން. މިހާރުވެސް ނިސްބަތުން ރާއްޖޭގައި ގިނައީ އަންހެން ނަރުހުންނެވެ. އެހެންނަމަވެސް މިހާރު މަދުމަދުން މިދާއިރާއަށް ފިރިހެނުން ވަންނަމުންދާކަން ފާހަގަކުރެވެއެވެ.

ނަރުހުންގެ މަސައްކަތަކީ ބުރަ އަދި ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތަކަށްވުމުން ނަރުހުންގެ އަބަދުވެސް ޝަކުވާއަކަށް ވެފައި ވަނީ އެކަށީގެންވާ މުސާރަ ނުލިބޭ ކަމުގެ ޝަކުވާ. ނަރުހުންނަކީ ދިރިއުޅުމުގެ ގިނަވަގުތު އަމިއްލަ ޢާއިލާއާއި ދުރުގައި އެހެންމީހުނަށް އަޅާލުމުގައި ހޭދަކުރާ ބަޔަކަށްވާއިރު އެކަމަށް އެކަށޭނެ އަގެއް ލިބުމަކީ ނަރުހުންގެ ޙައްގެކެވެ. މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުތަކުންވަނީ ގިނަ މަސައްކަތްތަކެއްވެސްކޮށްފައެވެ. އެގޮތުން ނަރުހުންގެ ފެންވަރު ބަލައި ނަރުހުން ގްރޭޑް ކުރެވި މުސާރާއިގެ 15 އިންސައްތަ މިދިޔަ އަހަރުވަނީ ބޮޑުކޮށްފައެވެ. އަދި ނަރުހުންގެ ވަޒީފާގެ އޮނިގަނޑަށްގެނައި ބަދަލާއެކު ނަރުހުންނަށް ކޮންމެ 2 އަހަރަކުން ކުރިއެރުން ލިބޭނެ ގޮތްވެސްވަނީ ހަމަޖައްސާފައެވެ.

ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިޢާރަކީ "ނަރުހުންނަކީ އެންމެނަށް ދުޅަހެޔޮ ޞިއްޙަތަކަށް އިސްވެ އަޑުއުފުލާ ބައެއް." މިޝިޢާރެވެ. މިޝިޢާރުގެ ދަށުންވެސް ކޮންމެ ފަރުދަކީ ސިއްޙީގޮތުން ދުޅަހެޔޮ މީހަކަށް ހެދުމަށް އެންމެ އިސްސަފެއްގައި މަސައްކަތްކުރާ ބަޔަކަށް ނަރުހުން ހެދުމަށް ދުނިޔޭގެ ނަރުހުންގެ ޖަމްޢިއްޔާއާއި ރާއްޖޭގެ ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުންގެންވަނީ މަސައްކަތްކުރައްވަމުންނެވެ.