ޚަބަރު

ބޮޑު ތަފާތަކުން އޭދަފުށި އީގަލްސް ބަލިކޮށްފި


ރަމަޟާން ވެޓެރަންސް ކަޕްގައި އޭދަފުށި ވެޓްރަންސް ފުޓްބޯޅަ ކްލަބް ކުޅުނު ދެވަނަ މެޗުވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

ކްލަބް އީގަލަސްއާ ވާދަކޮށް އޭދަފުށި ޓީމުން މެޗު ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މެޗްގެ ފަހު 20 މިނެޓް އީގަލްސް ޓީމުން ކުޅެފައި ވަނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އެ ޓީމްގެ އަހުމަދު ޒިޔާމްއަށް ދެ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑާއި ގުޅިގެންނެވެ.

މެޗް ފެށިގެން ދެ ވަނަ މިނެޓްގައި އޭދަފުށި ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރިއިރު، މުޅި މެޗުވެސް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އެ ޓީމުންނެވެ.

މެޗްގައި އޭދަފުށި ޓީމްގެ އިސްމާއިލް މުހައްމަދު ވަނީ ހެޓްރިކެއް ހަދާފައެވެ. އިސްމާއިލް މުހައްމަދުގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހާފައި ވަނީ އީގަލްސް 10 ކުޅުންތެރިންނާއެކު ކުޅެމުން ދަނިކޮށެވެ. އޭދަފުށި ޓީމްގެ އެެހެން ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޖަމީލް، އާފިއު މުހައްމަދު ހާމިދު އަދި މުހައްމަދު އިބްރާހިމެވެ. މުހައްމަދު އިބްރާހިމްގެ ލަނޑަކީ ޕެނަލްޓީއޭރިއާ ތެރެއިން އީގަލްސްގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗްގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ އަބްދުﷲ އިބްރާހިމެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ އޭދަފުށިގެ އާފިއު މުހައްމަދު ހާމިދެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ވާދަކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ގްރީން ސްޓްރީޓްސްއެވެ.