ޚަބަރު

ޑޭވިޑް ލުއިސް ޗެލްސީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި


ޗެލްސީގެ ޑިފެންޑަރ ޑޭވިޑް ލުއިޒް އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އާކޮށްފިއެވެ.

32 އަހަރުގެ ޑިފެންޑަރ ކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ ކުލަބުގައި އިތުރު ދެ އަހަރު ބަހައްޓަން ނިންމައި މިހާރު އާ ކޮންޓްރެކްޓްގައިވަނީ ސޮއިވެސް ކޮށްފައެވެ.

މި ސީޒަންގައި ކޯޗުކަމާއި ހަވާލްވި މައުރީސިއޯ ސާރީގެ ފުރަތަމަ އެގާރާގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށްވާ ލުއިޒްވަނީ މި ސިޒަންގައި އެކުލަބަށް 48 މެޗު ކުޅެދީފައެވެ. ޕްރިމިއަރ ލީގުގައި 35 މެޗު ލުއިޒް ކުޅުނުއިރު، އޭނާ ލީގުގައި ނުކުޅެނީ އެންމެ ދެ މެޗުގައެވެ.

އާ ކޮންޓްރެކްޓާއިއެކު 2021ގެ ސީޒަންގެ ނިޔަލަށް ލުއިޒް ކުލަބުގައި މަޑުކުރާނެއެވެ. ޗެލްސީން އެންމެ ފުރަތަމަ ލުއިޒް އެކުލަބަށް ގެނައީ 2011ވަނަ އަހަރު ބެންފީކާއިންނެވެ. އޭގެ ފަހުން 2014ވަނަ އަހަރު ޕީއެސްޖީއަށް ލުއިޒް ވިއްކާލުމަށްފަހު ދެވަނަ ފަހަރަށް 2016ވަނަ އަހަރު ޗެލްސީންވަނީ ލުއިޒް އެކުލަބަށް ގެނެސްފައެވެ. ބްރެޒިލްގެ ޤައުމީ ޓީމްގެވެސް މުހިންމު ކުޅުންތެރިޔާވަނީ މިހާތަނަށް ޤައުމީ ޓީމަށް 56 މެޗު ކުޅެދީފައެވެ.