ޚަބަރު

މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން ރަފޭލް ނަޑާލް ޖާގަ ހޯދައިފި


ސްވިޒަލޭންޑްގެ ސްޓެން ވަވްރިންކާ ބަލިކުރުމަށްފަހު މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން ރަފޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.

ފަސް ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް ސެމީއިން ޖާގަހޯދީ، ވަވްރިންކާގެ މައްޗަށް، 6-1، 6-2 އިން ކުރިހޯދައިގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ، މިއީ އޭނާއަށް ފަހަކަށް އައިސް އެންމެ މޮޅަށް ކުޅެވުނު މެޗުކަމަށާއި، ބޭނުންވަނީސެމީގައިވެސް މިކުޅުން ތަކުރާރުކުރަން ކަމަށެވެ.

މެޑްރިޑް އޯޕަންގެ ފޭވަރިޓު ކަމުގައި ގިނަބަޔަކު ބުނަމުންދާ ނަޑާލް ސެމީފައިނަލުގައި ވާދަކުރަން ޖެހޭނީ ސްޓެފާނޯ ސިޓްސިޕާސް އާއި ދެކޮޅަށެވެ. މިދެކުޅުންތެރިން އެންމެ ފަހުން ވާދަކުރީ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައެވެ.

ނަޑާލް ބުނީ، މިއީ މުޅިން ތަފާތު މެޗެއް ކަމަށާއި، ކުރިން ނިކުތް ނަތީޖާ ތަކުރާރުވެދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް، އަދި ސިޓްސިޕާސް ސެމީއާއި ހިސާބަށް އައީ ވަރުގަދަ މެޗުތަކެއް ކުޅުންގެން ކަމަށާއި، އެހެންކަމުން ސެމީގައިވެސް އޭނާ ތަފާތު ކުޅުމެއް ދައްކާނެ ކަމަށެވެ.

ދުނިޔޭގެ ދެވަނައަށް ރޭންކް ކުރެވިފައިވާ ރަފޭލް ނަޑާލް ވަނީ މިމުބާރާތް މީގެކުރިން ފަސް ފަހަރު ކާމިޔާބުކޮށްފައެވެ. އޭނާއަކީ ކްލޭ ކޯޓުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.

މިމުބާރާތުގެ ފައިނަލުގައި ވާދަކުރާނެ ކަމަށް ގިނަ ބަޔަކު ދެކެމުން އައި ރޮޖާ ފެޑެރާ ވަނީ ކުއާޓާ ފައިނަލުގައި ޑޮމިނިކް ތިއެމް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.