ޚަބަރު

ދެމަސްދުވަހު ތެރޭގައި ބ.ކެންދޫގެ 15 މީހަކު ޑެންގީއަށް ޕޮޒިޓިވްވެއްޖެ


ބ.ކެންދޫގައި ޑެންގީ ހުން ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކެންދޫ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިވަނީ އެރަށުގައި ޑެންގީ ހުން ފެތުރުން އިތުރުވަމުންދާތީއެވެ.

މިދުވަސްވަރު އާންމުން ގެއިން ބޭރަށްނުކުމެ އުޅޭއުޅުމުގައި ގަށިގަނޑު ނިވާވާފަދަ ގަޔަށްދޫ ހެދުން ލުމަށާއި، ޢާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާ، މަދިރި ލޯޝަންފަދަ މަދިރިން ރައްކާތެރިވުމުގެ ވަސީލަތްތައް ބޭނުންކުރުމަށް ކައުންސިލުން އިލްތިމާސްކުރައްވައެވެ.

ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ބ.ކެންދޫގެ 15 އަށްވުރެ ގިނަ މީހުންގެ ގައިން މިބަލި ވަނީ ފެނިފައެވެ. މިހާރުވެސް އެރަށުގެ 6 މީހަކު ޑެންގީއަށް ޝައްކު ކުރެވިގެން އެޑްމިޓްކޮށްގެން ދަނީ ކެންދޫ ސިއްޙީމަރުކަޒުގައި ފަރުވާދެމުންނެވެ.

ކެންދޫ ސިއްޙީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ އަބްދުލްޖަލީލް އިބްރާހީމް ވިދާޅުވީ މިހާތަނަށް ޑެންގީ ހުންޖެހިގެން އެމަޖެންސީއެއް ނުވަތަ ނުރައްކާތެރި ޙާލަތަކަށް އެއްވެސް މީހަކު ނުދާކަމަށެވެ. ކާމާބެހޭ ފަރާތްތަކުގެ ލަފައާއެކު ބަލިމީހުންނަށް ފަރުވާދިނުމާއި ޑެންގީން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.