ޚަބަރު

ކުށްކުރުން ގިނައީ ފިރިހެން ކުދިން ، ޝިކާރައަކަށް ވަނީ އަންހެންކުދިން


ޢުމުރުން 18އަހަރު ނުވާ ކުޑަކުދިންގެ ކުށުގެ މައްސަލަތަކުގެ %99 އަކީ ފިރިހެންކުދިން ކުށްކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރައްވައިފިއެވެ. މީގެއިތުރުން ކުޑަކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެމައްސަލަތަކުގެ ޝިކާރައަކަށް ގިނަފަހަރަަށް ވެފައިވަނީ އަންހެން ކުދިންކަަމަށްވެސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރައްވައެވެ.

ރާއްޖޭގެ އާބާދީގެ %23އަކީ ޢުމުރުން 18 އަހަރު ދަށުގެ ކުޑަކުދިންނެވެ. ޢަދަދުން ބަލާނަމަ މިއީ 123،348 އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔައަހަރު އެކިކަހަލަ ކުށުގެ މަސައްކަތަކުގައި 164 ކުދިން ހައްޔަރު ކޮށްފައިވެއެވެ. އެކިކަހަލަ ކުށް ކޮށްގެން ހައްޔަރުކުރި ކުދިންގެ ތެރެއިން %99އަކީ ފިރިހެން ކުދިންނެވެ.

ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ކުޑަކުދިން ހައްޔަކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ހައްޔަރުކުރި ކުދިންގެ %41 ކުދިންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކރުި ކުދިންނެވެ.

މާރާމާރީގެ މައްސަލަތަކުގައި %34، ވައްކަމުގެ މައްސަލަތަކުގައި %7، ފޭރުމުގެ މައްސަލައިގައި %2، މުދަލައް ގެއްލުންދިނުމުގެ މައްސަލަތަކުގައި %2، ޖިސްމާނީ އަނިޔާގެ މައްސަލަތަކުގައި %2، ހިމެނެއެވެ. އަދި %11އަކީ އެހެނިގެން ކުށްތަކުގައި ހައްޔަރުކުރި ކުދިންނެވެ.

މިދޔަ އަހަރު ކުޑަކުދިންނާ ގުޅުންހުރި 747 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.
މިމައްސަލަތަކުގައި އެންމެ ގިނައިން ކުދިންނަށް އަނިޔާ ލިބިގެން ރިޕޯޓް ކޯށްފައިވަނީ ޖިންސީ މައްސަލަތަކުގައެވެ. ހުށަހަަޅާފައިވާ މައްސަލަތަކުގެ %37 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. ޖިންސީ ގޯނާގެ 250 އަށްވުރެ ގިނަ މައްސަލަ ހިމެނޭއިރު، 200 އަށްވުރެ ގިނަ އަންހެންކުދިން މިކަމުގެ ޝިކާރައަކަށްވެފައިވެއެވެ.

ދެން އެންމެ ގިނައީ ގެވެށި އަނީޔާއެވެ. ހުށައެޅި މައްސަލަތަކުގެ %16 އަކީ ގެވެށި އަނިޔާއެވެ. ގެވެށި އަނިޔާގެ 100އެއްހައި މައްސަލަ ހުށައަޅާފައިވާއިރު، ގެވެށި އަނިޔާގެ ޝިކާރަައަކަށް ގިނައިން ވެފައިވަނީ ފިރިހެން ކުދިންނަނެވެ.

ކުޑަކުދިންނަށް ލިބިފައިވާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި، ދެން ހިމެނެނީ މާރާމާރީގެ %15 މައްސަލައާއި، ދަރިންނަށް އިހުމާލުވުމުގެ %8 މައްސަލައާއި، ބިރުދެއްކުމާއި އިންޒާރުދިނުމުގެ %6 މައްސަލައާއި ހަޑިހުތުރު މަންޒަރު ހިމެނޭ ފޮޓޯގެ %5 މައްސަލައެވެ.

ކުޑަކުދިންގެ މައްސަލަތުގައި އެންމެ ގިނައީ އަންހެން ކުދިންނަށް ކުރިމަތިވާ މައްސަލަތަކެވެ. އެގޮތުން %56 އަކީ އަންހެން ކުދިންނަށް ކުރިމަތިވި މައްސަލަތަކެވެ. ފިރިހެން ކުދިންގެ މައްސަލަ ހިމެނެނީ %44 ގައެވެ.