ޚަބަރު

ޑްރަގްސް މައްސަލާގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ގދ އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 5 މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް 7 ދުވަސް އިތުރުކޮށްފިއެވެ.

މި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 5 ދިވެހިންނެވެ. މީގެތެރެއިން އެކަކުގެ ބަންދަށް ކުރިން 10 ދުވަސް އިތުރުކޮށްފައިވާއިރު ބާކީ ތިބި ހަތަރު މީހުން ޝަރީއަތް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި އެންމެންގެ ބަންދާއި މެދު ގޮތެއް އޭރު ނިންމީ ގައްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

މީގެތެރެއިން އެކަކުގެ ބަންދަށް 7 ދުވަސް އިތުރުކޮށްފައިވަނީ މިިދިޔަ ބުރާސްފަތިފުވަހު ކުރިމިނަލް ކޯޓުންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުންދަނިކޮށް ކުރީގެ ސަރުކާރުން އަދަބު ލުއިކޮށްދިން މީހަކުވެސް ހިމެނޭކަން އެނގިފައެވެ. އެހެންނަމަވެސް މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތަފްސީލު ފުލުހުން އަދި އާއްމުކޮށްފައެއް ނުވެއެވެ.

149 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ.އަތޮޅު ފަޅު ރަށެއްކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައިވަނިކޮށްކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަކެތި ފެނިފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި މިތަކެތި އެ ރަށާއި ހަމައަށް ގެންގޮސްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުން ލޯންޗަކަށް އަރުވައިގެންނެވެ. އަދި މިތަކެތި އަތުލައިގަތުމަށް 72 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.