ޚަބަރު

ކުޑަކުދިން ބާރުވެރިކުރުވަން މުޖުތަމައުގެ އެހީ ބޭނުން - ޝިދާތާ


ކުޑަކުދިންނަކީ ބާރުވެރިބަޔަކަށް ހެދުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ދިނުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ގޮވާލައްވައިފިއެވެ.

މިއަދު ފާހަަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގެ މިނިސްޓަރ ޝިދާތާ ދެއްވި ހިތާބުގައި ވިދާޅުވީ ކުޑަކުދިންނާއި ގުޅުން ހުރި ސިޔާސަތުތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ކުޑަކުދިން ބާރުވެރިބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްމުން މިނިސްޓަ ޝިދާތާ ވިދާޅުވީ ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވަމުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

މިފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅިމުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާތީ ޢާއިލާގެ ތެރޭގަ އާއި ތަޢުލީމީ މާޙައުލުގައި ވެސް ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށްދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއްކުދިން ބައެއް ޢާއިލާތަކުން ހަވާލުވާއިރުއެކަމަށް ހާއްސަގަވައިދެއްއެކުލަވާލާފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ޢަދި އެފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ މުޅިޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަންވެސް މިނިސްޓަރ ފާހާގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ކުޅިވަރާއި އެކި ހަރަކާތްތައް މެދުވެރިކޮށް، ދުވަހުގެ ޝިޢާރު އެކުދިންގެ ހިތްތަކުގައި އަށަގަންނުވާ ހަޤީޤީ މާނައިގައި ވެސް ބާރުވެރިބަޔަކަށް ކުޑަކުދިން ހެދުމަށް މިނިސްޓަރ ޝިދާތާ އިލްތިމާސްކުރެއްވިއެވެ.

ބައިނަލްއަގުވާމީގޮތުން ކުޑަކުދިންގެ ދުވަސް ފާޙަގަކުރަމުން އަންނަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. މި ދުވަހާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ރަަމަޟާން މަސް ފެށުމުގެ ކުރިން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އަހަރުގެ މިދުވަހުގެ ޝިއާރަކީ ކުޑަކުދިން ބާރުވެރިކުރުވުމެވެ.