ޚަބަރު

ވިލުފުށީ ގެއަކުން 3 ލައްކަ ރުފިޔާ ވަގަށް ނަގައިފި


ތ.ވިލުފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ގެއިން ނެގި ފައިސާގެ އަދަދު ގާތްގަނޑަކަށް 3 ލައްކަ ރުފިޔާއަށް އަރާކަމަށް އެގޭގެ ވެރިފަރާތުން މަޢުލޫމާތު ދީފައިވާކަމަށެވެ. އަދި މިފައިސާތައް ނަގާފައިވަނީ އިޝާނަމާދު ގަޑީގައިކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާކަމަށްވެސް ފުލުހުން ވިދާލުވެއެވެ.

މި ވައްކަން ކުރުމުގައި އެގޭގެ އެއްވެސް ތަނެއް ހަލާކުކޮށްފައި ނުވިނަމަވެސް ފައިސާ ހުރި އަލަމާރި ކޮންމެވެސް ވަރަކަށް ހަލާކުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:55 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ބޮޑެތި ވައްކަން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަމުން އަންނައިރު ގޭގައި އެއްވެސް ރައްކާތެރިކަމެއްނެތި ބޮޑެތި ޢަދަދުތަކުން ފައިސާނުބެހެއްޓުމަށާއި، ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް އުފުލާނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެންދަވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.