ޚަބަރު

ވޮލީޓީމްއަށް ބޭނުންވަނީ ރަނގަޅު ޓްރެއިނިންގް ކޭމްޕެއް - މުޙައްމަދު ސާޖިދު


ސީނިއާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަށް ކުރިއަށްދަނީ ވަރަށް ފުރިހަމައަށް ކަމަށާއި، މިހާރު ބޭނުންވަނީ ރަނގަޅު ޓްރެއިނިންގް ކޭމްޕެއް ކަމަށް ގައުމީ ޓީމުގެ ހެޑް ކޯޗް އިސްމާޢިލް ސާޖިދް ބުނެފިއެވެ.

ގައުމީ ޓީމުގެ ރޯދަމަހުގެ ފަރިތަކުރުންތަށް އިއްޔެ ފެށުމަށްފަހު ވާހަކަ ދައްކަމުން އިސްމާއިލް ސާޖިދް ބުނީ، ރަމަޟާން މަހުގެ ފަރިތަކުރުންތަށް ބޮޑަށް އަމާޒުކުރަނީ، މީގެކުރިން ދުވަސްތަކުގެ ފަރިތަކުރުންތަކުގައި ދަސްކޮށްފައިވާ ކަންތައްތައް މެއިންޓެއިން ކުރަން ކަމަށެވެ. އަދި އޭގެ ބަދަލުގައި ރޯދައަށް ފަރިތަކުރުންތަށް ހުއްޓާލައިފިނަމަ ކުޅުންތެރިންގެ ފިޓްނަސްއަށްވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކޯޗް ބުނީ، ރޯދަމަހު ދުވާލު ފަރިތަކުރަން ޖެހުމަކުން މާބޮޑު އުނދަގޫތަކަކާއި ކުރިމަތިލާން ނުޖެހޭ ކަމަށާއި، ކުޅުންތެރިން ރަނގަޅު ރޫޙެއްގައި ތިބެގެން ފަރިތަކުރުމަށް އައިސްފިނަމަ، މާބޮޑު އުނދަގުލަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

އިސްމާއިލް ސާޖިދް ބުނީ، މީގެ ކުރިން ޓީމް އާއި ވަރަށް ވަރުގަދަ ޕްރެކްޓިސްތަކެއް ކުރަމުން ކަމަށާއި، އެހެންކަމުން ރޯދަމަހު އެއްކޮށް ކުޅުން ހުއްޓާލުމުގެ ބަދަލުގައި ބޭނުންވަނީ ލުއި ޕްރެކްޓިސްތަކެއް ކޮށްލައިގެން ކުޅުންތެރިން ގޭމްގެ ތެރޭގައި ބަހައްޓަން ކަމަށެވެ.

"ރޯދަމަހުގެ ފަރިތަކުރުންތަށް ކުރިއަށް މިގެންދަނީ ބޮޑަށް މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ފަސްކުރި އެއްޗެހި މެއިންޓެއިން ކުރަން، އަޅުގަނޑުމެން އައީ މީގެ ކުރިން ވަރަށް ޓަފްކޮށް ފަރިތަކުރަމުން، އެހެންވީމަ ރޯދަމަހު އެއްކޮށް ފަރިތަނުކޮށް ދޫކޮށްލުމަށްވުރެ ކުޅުން މެއިންޓެއިން ކުރުން ބޮޑަށް އޮންނާނީ" ސާހިދު ބުންޏެވެ.

ރޯދަމަހު ގައުމީ ސީނިއާ ފިރިހެން ވޮލީޓީމުގެ ފަރިތަކުރުންތަށް ކުރިއަށް ގެންދަނީ ހަވީރު ގަޑީގައެވެ. އަދި އަންހެން ޓީމުގެ ފަރިތަކުރުންތަށް ކުރިއަށްގެންދަނީ މެންދުރު ގަޑީގައެވެ.