ސިޔާސީ

ޕީޕީއެމްގެ ޕްރައިމަރީ އަންނަ ހުކުރުދުވަހު ބާއްވަނީ


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާއަށް
ޕީޕީއެމުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 24 ވާ
ހުކުރު ދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ. ޕީޕީއެމުން މިއަދު ބުނެފައިވަނީ
ދިއްގަރުދާއިރާގެ ޓިކެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި
އެޕާޓީގެ ފަސްމެމްބަރުންވެސް އެކަމަށް ޝަރުތު ހަމަވާކަމަށް ޕާޓީން ނިންމާފައިވާކަމަށެވެ.



ޕްރައިމަރީ އޮންނާނީ ހުކުރު ދުވަހުގެ
މެންދުރުފަހު 14:00 އިން 17:00 އަށް ތިން ގަޑި އިރަށެވެ. ކެންޑިޑޭޓުންގެ
ނަމްބަރުތައް ތަރުތީބުކުރުމަށް ގުރުއަތު ނެގުން މިރޭ 21:00 ގައި އެޕާޓީގެ
އޮފީހުގައި ބާއްވަންވެސް ވަނީ ނިންމާފައެވެ.



ދިއްގަރު ދާއިރާގެ ގޮނޑިއަށް
ޝައުގުވެރިވާކަން ޕީޕީއެމުން ފާޅުކޮށްފައިވާ ފަސް ފަރާތަކީ ކުރީގެ ރައީސް މައުމޫން
އަބްދުލް ގައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުން ފާރިޝް މައުމޫންއާއި މުލަކު
އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އިމްރާން އިސްމާއީލާއި މޫސާ ނަސީރު
އަހުމަދު އަދި މުހައްމަދު ހާނިމެވެ.



ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެގޮނޑި ފުރުއްވަމުންގެންދެވި
އަހުމަދު ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް
ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.