ޚަބަރު

ޓޮޓްނަމްގެ ކުޅުންތެރިންނަކީ ސުޕަރހީރޯއިން - ކޯޗް


ފަހަތުން އަރާ އަޔެކްސް ބަލިކޮށް ޗެމްޕިއަންސް ލީގްގެ ފައިނަލަށް ޓޮޓްނަމް ގެންގޮސްދިން ކުޅުންތެރިންނަކީ ސުޕަރ ހީރޯ އިން ކަމަށް ޓީމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ޗެމްޕިއަންސް ލީގް ފައިނަލްގައި ލިވަޕޫލާ ވާދަކުރާ ޓީމަކަށް ޓޮޓްނަމް ވީ، ސެމީ ފައިނަލްގައި ތިން ލަނޑު ތިން ލަނޑުގެ އެގްރިގޭޓުން އެއްވަރުވެ، އަވޭ ގޯލްގެ ތަފާތުން ޓޮޓްނަމް ކުރިހޯދައިގެންނެވެ.

ލޫކަސް މޯރާގެ ހެޓްރިކުން ތިނެއް ދޭކުން އަޔެކްސްގެ ދަނޑުގަ ޓޮޓްނަމް ސެމީގެ ދެވަނަ ލެގް ކާމިޔާބުކުރިއިރު އަޔެކްސް ރޭގެ މެޗަށް ނުކުތީވެސް ފުރަތަމަ ލެގުން ހޯދި އެއް ގޯލްގެ ލީޑާއެކުއެވެ. ދެވަނަ ލެގްގައި ރޭ ކުޅުނު މެޗްގެ ކުރީކޮޅު އަޔެކްސް އިން ވަނީ ލީޑް ނަގާފައެވެ. މެޗްގެ ފަސްވަނަ މިނެޓްގައި މި ގޯލް އަޔެކްސްއަށް ކާމިޔާބުކޮށްދިނީ ޓީމްގެ 19 އަހަރުގެ ކެޕްޓަން ޑި ލައިޓެވެ.

އަޔެކްސް އިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑެއް ޖަހާ ލީޑް ފުޅާ ކޮށްފައެވެ. މި ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ ހަކީމް ޒިޔެކްއެވެ. ޓޮޓްނަމް ފައިނަލަށް ގެންދިޔަ ހެޓްރިކް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ. ލޫކަސް މޯރާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ އިތުރު ވަގުތުގައެވެ.

ޓޮޓްނަމް ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ކުޅުންތެރިންގެ ހުނަރުން އެންމެން ސިއްސުވާލައިފި ކަމަށެވެ. މި މޮޅަކީ އާދަޔާ ހިލާފު މޮޅެއް ކަމަށާއި ޗެމްޕިއަންސް ލީގްގެ ފައިނަލާ ހަމައަށް ޓީމް ގެނެސްދިން ކުޅުންތެރިންނަކީ ސުޕަރހީރޯއިން ކަމަށެވެ.
ޕޮޗެޓީނޯ ބުނީ ސީޒަން ފެށިއިރު ޓޮޓްނަމް މޮޅުވާނެ ކަމަށް އެއްވެސް ބަޔަކު އުންމީދެއް ނުކުރާ ކަމަށެވެ. ނަމަވެސް ޕްރިމިއަރ ލީގް ގެ ގަދަ ހަތަރެއްގައި ހިމެނި، ޗެމްޕިއަންސް ލީގްގެ ފައިނަލްގައި ކުޅެން ލިބުމުން މި ސީޒަން މިހާތަނަށް ޓޮޓްނަމްއަށް ކާމިޔާބުކަން ކޯޗް ފާހަގަކުރިއެވެ.

މިއީ ޓޮޓްނަމްގެ ތާރީހުގައިވެސް އެ ޓީމް ހޯދި އެންމެ ފަހުރުވެރި ކާމިޔާބީކަން ފާހަގަކޮށްލެވޭ. ޔޫރަޕްގެ ޗެމްޕިއަން ޓީމް ޔަގީން ކުރާ ފައިނަލްގަ ޓޮޓްނަމް ލިވަޕޫލާ ވާދަކުރާނީ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ.