ޚަބަރު

ވެޓްރަންސް ކަޕްގެ ފެށުން އޭދަފުށިން ރަނގަޅުކޮށްފި


ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް ރަމަޟާން ވެޓެރަންސް ފުޓުބޯޅަ މުބާރާތުގެ ފެށުން އޭދަފުށި ވެޓެރަންސް ފުޓުބޯޅަ ކްލަބުން ރަނގަޅުކޮށްފިއެވެ.

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކޮންމެ ރޯދަމަހަކު ކުރިއަށް ގެންދާ މި މުބާރާތުގެ މިއަހަރުގެ ފުރަތަމަ މެޗް އޭދަފުށީ ވެޓެރަންސް ފުޓުބޯޅަ ކްލަބުން ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. އޭދަފުށީ ވެޓެރަންސް ފުޓުބޯޅަ ކްލަބުން ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީވެސް އޭދަފުށީ ވެޓެރަންސް ފުޓުބޯޅަ ކްލަބުންނެވެ.

ފުރަތަމަ ހާފްގައި މެޗްގެ ފުރަތަމަ ލަނޑު އޭދަފުއްޓަށް ޖަހައިދިނީ އަބްދުﷲ ޝިފާއުއެވެ. ޝިފާއުގެ ގޯލަށްފަހުއިސްމާއިލް މުހައްމަދު ވަނީ އޭދަފުށީގެ ދެވަނަ ލަނޑު ޖަހާ ލީޑް ފުޅާކޮށްފައެވެ. މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އޭދަފުށި ޓީމްގެ ތިންވަނަ ލަނޑު ޖަހައިދިނީވެސް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިސްމާއިލް މުހައްމަދެވެ.

މެޗްގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ ޔޫސުފް އަޒީމްއެވެ. މުޅި ރޯދަ މަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ހަތް ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގެ މިއަދު މެޗްގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ޕޮލިސް ކްލަބެވެ.